ޚަބަރު

ފޯކައިދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައެއް ބަލަނީ


  • ސައިކަލުގައި ރޯކޮށްލާފައިވަނީ މިމަހުގެ 27ވަނަ ދުވަހު

  • މިއީ ފުލުސް އޮފިސަރަކަށް އަމާޒުކޮށްގެން ގަސްތުގައި ހިންގި ޢަމަލެއް

ށ.ފޯކައިދޫގައި ފުލުހެއްގެ ސައިކަލެއް ރޯކޮށްލި މައްސަލައެއް ބަލަމުންދާ ކަމަށާއި، މި އަމަލު ހިންގި ފަރާތް ހޯދާ ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިދިޔަ މަހުގެ 27ވަނަ ދުވަހު ށ.ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ޢަމަލަކީ ފުލުސް އޮފިސަރަށް އަމާޒު ކޮށްގެން ގަސްތުގައި ހިންގާފައިވާ ޢަމަލެއް ކަމަށެވެ.

މި ހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާއިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަރަހައްދުތަކަށް ގެއްލުންވެފައިވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އަދި އަމަލު ހިންގި ފަރާތް ހޯދާ، ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޤާނޫނު ތަންފީޒު ކުރާ މުއައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ އެފަދަ ޢަމަލުތައް ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމަށް ހިންގާ ޢަމަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންނަށް އަނިޔާ ކުރުމާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާމެދު ފަސްޖެހުމެއްނެތި ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.