އަންނަ މަހު ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދިނުމަށްފަހު، އެ މުބާރާތުގައި ވާދަނުކުރަން އެ ޤައުމުން ނިންމައިފިއެވެ.
މި މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާ ދެމެދު، މާލޭގައެވެ.
މުބާރާތުގައި ބައިވެރިކުރުމަށް އެފްއޭއެފް އިން އެންމެފުރަތަމަ ދައުވަތު ދީފައިވަނީ ބަންގްލަދޭޝް، ސްރީލަންކާ އަދި ނޭޕާލަށެވެ. އެހެންނަމަވެސް މި ދައުވަތު ގަބޫލުކުރީ ލަންކާއިން އެކަންޏެވެ. ބަންގްލަދޭޝް އިން ވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި، ޔޫރަޕުގައި މެޗެއް ކުޅެން ތާވަލުކޮށްފައެވެ.
އެހެންކަމުން، ފުރަތަމަ ދައުވަތުދިން ގައުމުތަކުގެ ތެރެއިން މުބާރާތުގައި ބައިވެރިވާނީ ލަންކާ އެކަނިކަމަށް ބެލެވުނެވެ.
ކަން މިހެން އޮއްވައި، މުބާރާތުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިޔުމުން އެކަން އެންގުމަށްފަހު، މިހާރު ލަންކާއިން މިވަނީ މުބާރާތުގައި ބައިވެރިނުވާން ނިންމައި އެކަން ހާމަކޮށްފައެވެ.
ސަރަހައްދީ ފުޓުބޯޅައިގެ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ބަންގްލަދޭޝް އިން ރާއްޖެއިން ދިން ދައުވަތު ގަބޫލުނުކޮށް، ހަމައެކަނި ޔޫރަޕުގައި ކުޅެލުމުގެ ނިޔަތުގައި މެޗެއް ކުޅެން ތާވަލުކޮށްފައި ވަނީ ފީފާ ރޭންކިންގެ ފުލުގައި އޮތް ސޭން މެރީނޯއާ ދެކޮޅަށެވެ.
ބަންގްލަދޭޝްގެ ސީނިއަރ ޓީމުން ޔޫރަޕުގައި މެޗެއް ކުޅެން ނިންމުމުން ރާއްޖެއިން ދެން ދައުވަތު ދިނީ އެ ގައުމުގެ ޒުވާން ޓީމަށެވެ. އެފްއޭއެމްގެ އޮފިޝަލަކު "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވި ގޮތުގައި އެ ގައުމުގެ ޒުވާން ޓީމުން މުބާރާތުގައި ކުޅޭނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ބައެއް މަސްދަރުތަކުން ރިޕޯޓުކުރާ ގޮތުގައި ލަންކާއިން މުބާރާތުގައި ބައިވެރިނުވާން ނިންމާފައި ވަނީ، މި މުބާރާތުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރާތީއެވެ. އެހެންނަމަވެސް އެކަން ރަސްމީކޮށް އެ ގައުމުން އަންގާފައެއް ނުވެއެވެ.
ނޭޕާލުން މުބާރާތުގައި ބައިވެރިނުވެވޭނެކަން އެންގުމުން ދެން އެފްއޭއެމް އިން ދައުވަތު ދިނީ ޕާކިސްތާނަށެވެ. އަދި ލަންކާއިން މި މުބާރާތުގައި ވާދަނުކުރަން ނިންމުމުން، ލަންކާގެ ބަދަލުގައި މި މުބާރާތުގައި ދެން ބައިވެރިކުރަން ދައުވަތު ފޮނުވި އަފްޤާނިސްތާނުން ވަނީ މުބާރާތުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައެވެ.