ޚަބަރު

ތިމާވެށްޓާއި ވިޔަފާރީގެ ދާއިރާއިން ލަންކާއާއެކު މުހިންމު މަޝްވަރާތަކެއް


  • ރާއްޖެއާއި ލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި

  • ދެ ޤައުމުގެ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް

ތިމާވެއްޓާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ލަންކާއާދެމެދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޚާރިޖީ ވަޒީރު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

އަދި ދެ ޤައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަންވެސް ދެ ބޭފުޅުންވަނީ އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތަރައްގީގެ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.