ޚަބަރު

ގުގުރުމުން ލިބިދާނެ ގެއްލުން ކުޑަކުރަން ދުރާލާ ފިޔަވަޅުއަޅާ


  • ގުގުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލުވަނީ ނެރެފައި

  • ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް

މޫސުން ގޯސްވެ ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބާރަށް ގުގުރާނެކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މިއާއެކު އެންޑީއެމްއޭއިން ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން ވަނީ ގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ.

ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް

- ހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލިވުން
- އިމާރާތްތަކުގެ ތެރޭގައި ތިބުން
- ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސްތަކުގެ ދަށުގައި ނުތިބުން
- އިލެކްޓްރޯނިކް ތަކެތިން ކަރަންޓު ކަނޑާލުން ފަދަ ކަންކަމާއި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެތަކެތި ބޭނުންކުރުމުން ދުރުހެލިވުން
- ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ތެމިފައިވާ ތަކެއްޗާއި ދަގަނޑު ތަކެތިން ދުރުހެލިވުން

ބޯކޮން ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު ވަނީ މާލޭގައި ހަރަކާތްތެރިވާން ފަށާފައެވެ.

މިމަހުގެ އެކި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު ވާރޭ ވެހޭ ވަގުތުގައި ވާރޭ ވެހޭ މިންވަރު އިތުރުވާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ

ޖޫންއިން ސެޕްޓެންބަރުގެ ނިޔަލަށް ލަފާކުރެވޭގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވާރޭވެހޭ މިންވަރު އާންމުކޮށް މި ދުވަސްވަރު ވެހޭވާރޭއަށްވުރެ އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށްވުރެ މަތިވާނެކަމަށް ބެލެވޭކަމަށް މެޓުން ވަނީ ލަފާކުރައްވާފައެވެ.