ޚަބަރު

ދެ އެއަރލައިނަކުން ޔޫރަޕްގެ 8 ސިޓީއަކާ ރާއްޖެ ގުޅުވާލަނީ


  • މިއަހަރާއި އަންނަ އަހަރުގެ ފިނި މޫސުމުގައި ދަތުރުތައް ކުރާނެ

  • ބިއޯންޑަކީ ދުނިޔޭގެ ފުރަތަމަ މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްޞަ އެއަރލައިން

ގަލްފް އެއަރއާއި ބިއޯންޑް ގުޅިގެން ބަހްރައިންގެ އިތުރުން ރާއްޖެއާއި ޔޫރަޕްގެ 8 ސިޓީއެއް ވައިގެ މަގުން ގުޅާލުމަށް ނިންމައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރާއި އަންނަ އަހަރުގެ ފިނި މޫސުމުގައި ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ދަތުރުތަކެއްގައިވެސް ބޭނުންކުރާނީ ބިއޯންޑްގެ "ފުލް ލައި-ފްލެޓް" ޕްރީމިއަމް ކޮންފިގަރޭޝަންގެ ބޯޓުތަކެވެ. އަދި ގަލްފް އެއަރގެ ކޯޑްޝެއަރ އަދި ލޯޔަލްޓީ ޕްރޮގްރާމްގެ ދަށުން މި ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ގަލްފް އެއަރގެ ކަސްޓަމަރުންނަށް މި ނެޓްވޯކުގެ ހިދުމަތްތައް އެ އެއަރލައިންގެ ގްލޯބަލް ޑިސްޓްރިބިއުޝަން ނިޒާމުގެ ތެރެއިންނާއި ބަހްރައިން އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ލިބޭނެއެވެ. މި ޕާޓްނަޝިޕުގެ ސަބަބުން ގަލްފް އެއަރގެ ޕްރީމިއަމް ހިދުމަތްތައް ދުރު ރާސްތާގެ މަންޒިލްތަކަށް ފުޅާވެ، ސަރަހައްދީ ފެންވަރުގައި ވައިގެ ދަތުރުފަތުރުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބަހްރައިން އޮތް އޮތުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ވަނީ ބުނެފައެވެ.

ފިނި މޫސުމުގެ ޝެޑިއުލްގައި ހިމެނޭ ގޮތުން، ރާއްޖެއަށް ކޮންމެ ދުވަހަކު ބަހްރެއިނުން ދަތުރުތައް ބޭއްވުމުގެ އިތުރުން ޔޫރަޕްގެ ބައެއް މަންޒިލްތަކަށް ދަތުރުކުރާނެއެވެ. އެއީ ޕެރިސް، ލަންޑަން، ޒިއުރިކް، މޮސްކޯ، މިލާން އަދި ރޯމްއެވެ.

ރާއްޖެއަކީ މިހާރުވެސް ގަލްފް ގައުމުތަކާއި ޔޫރަޕްގެ ފަތުރުވެރިންގެ މެދުގައި ފިނި މޫސުމުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. މި ދަތުރުތަކާއިއެކު މި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

2027 ވަނަ އަހަރުގެ ފިނި މޫސުމަށް މި ނެޓްވޯކުގެ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސްޕެއިންގެ މަލާގާ، ފްރާންސްގެ ނީސް، އަދި ޖެނީވާއަށް ދަތުރުތައް ކުރުމަށް ވަނީ ނިންމާފައެވެ.

މިއީ ފިނި މޫސުމުގައި ހޫނު މަންޒިލްތަކަށް އޮންނަ ޑިމާންޑް، ޔޫރަޕްގެ މަންޒިލްތަކަށް ބަދަލުވާ ބަދަލުވުމާ އެއްގޮތަށް ގެނެވޭ ބަދަލެއްކަމަށް ބިއޯންޑްއިން ވަނީ ބުނެފައެވެ. ރާއްޖޭގެ ދަތުރުތައް މުޅި އަހަރު ދުވަހަށް ދެމިގެންދާއިރު، ޔޫރަޕްގެ ދަތުރުތަކުގެ އަދަދުތައް ކަނޑައަޅާނީ އެ ދުވަސްވަރެއްގެ ޑިމާންޑަށް ބެލުމަށްފަހުގައިކަމަށް ބިއޯންޑްއިން ބުނެއެވެ.

ބިއޯންޑްއަކީ ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްސަ އެއަރލައިންއެވެ. މިއީ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތަޢާރަފްކުރި އެއަރލައިނެކެވެ. މި އެއަރލައިންގެ ދަތުރުތައް ފަށާފައިވަނީ 2023ވަނަ އަހަރުގައެވެ.