ޚަބަރު

ސްކޭމް ލިންކެއް ފޮނުވައި، ބައިލައްކަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި


  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. އޮމެގާ އުމުރުން 38 އަހަރުގެ، މޫސާ މުޙައްމަދު

  • ނުދަންނަ މީހުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ފުލުހުން އިލްތިމާސްކުރައްވާ

ސްކޭމް ލިންކެއް ފޮނުވައިގެން ބައިލައްކަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. އޮމެގާ އުމުރުން 38 އަހަރުގެ، މޫސާ މުޙައްމަދު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުޙައްމަދު ފޭސްބުކް މެސެންޖަރ މެދުވެރިކޮށް އެކައުންޓުގެ ވެރިފަރާތާ ގުޅުން އުފެއްދި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއަށްފަހު ވައިބަރ މެދުވެރިކޮށް މޫސާ މުޙައްމަދު އެ މީހާއަށް ލިންކެއް ފޮނުވި ކަމަށާއި އެ ލިންކަށް ފިތާލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބޭންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ކެނޑުނު ކަމަށްވެސް ވިދާޅުވިއެވެ.

އެމީހާގެ އެކައުންޓުން ކެނޑުނު ފައިސާ ޖަމާވެފައި ވަނީ މޫސާ މުޙައްމަދުގެ ނަމުގައިވާ އެކައުންޓަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި މޫސާ މުޙައްމަދު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް އިލްތިމާސްކުރައްވާފައެވެ.