ޚަބަރު

ތިން އަހަރަށް ފަހު ރަސިކާ ކޯޗު އެނބުރި ޤައުމަށް


  • ރާއްޖެ ދޫކޮށް ދިޔައީ އާއިލީ ކަމެއްގައި

  • ސައުތު އޭޝިއަން ޔޫތް ޓީޓީ ޗެމްޕިއަންޝިޕުގެ އެސިސްޓެންޓް ކޯޗުކަންވެސް ކުރި

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ ޓީޓީ ޓީމާއި އެލީޓް ޓީމުގެ ކޯޗު، ސްރީލަންކާގެ ރަސިކާ މަނޯޖް ޕްރިޔަންކަރަ ޔަލަގޭ ރާއްޖެ ދޫކޮށް ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ރާއްޖެ ދޫކޮށް ދިޔައީ އާއިލާ މީހެއްގެ ބަލި ހާލަތު ހުރިގޮތުން ދިމާވި އިމަޖެންސީއެއްގައެވެ. ރާއްޖޭގެ ޓީޓީ ކުޅުންތެެރިންގެ ކުރިއެރުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން ކޯޗަށް ޓީޓީ އެސޯސިއޭޝަނުންވަނީ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ދީފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ، އޭނާ ވަނީ ރާއްޖޭގެ ޓެނިހުގެ ކުރިއެރުމަށް ނުހަނު އަގުހުރި މަސައްކަތްތަކެއް ކޮށްދީފަކަމަށެވެ. ވަކިން ހާއްދަކޮށް ވައިޑީޕީ ނުވަތަ ގްރާސްރޫޓް ލެވެލްގެ ޓްރޭނިންތަކުގައި އޭނާ މުހިންމު ދަައުރެއް އަދާކުރިކަމަށެވެ.

ފާއިތުވި 3 އަހަރު ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިންނަށް ކޯޗު ކޮށްދިން ރަސިކާ ވަނީ 2025 ވަނަ އަހަރު ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި އެސިސްޓެންޓް ކޯޗެއްގެ ދައުރު އަދާކޮށްފައެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި 2025 ވަނަ އަހަރު ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި އޮލިމްޕިކްސް ކޮލިފިކޭޝަންގައި 2024 ވަނަ އަހަރު ރާއްޖޭގެ ޓީޓީ ޓީމުތަކަށް އެހީތެރިވެދީފައިވެއެވެ.

މީގެ އިތުރުންވެސް ރާއްޖޭގައި ބޭއްވި ގިނަ މުބާރާތްތަކުގައިވެސް ކޯޗު ރަސިކާ ވަނީ ގިނަ އަދަދެއްގެ ކުޅުންތެރިންނަށްނަށް އެހީތެރިކަން ފޯރުކޮށްދީ ކުޅުންތެރިންގެ ފެންވަރު މަތިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.