އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ރީޖަނަލް ލީގުތަކުގެ ނޯތު ލީގުގައި އިއްޔެ ނ.މަނަދޫގެ މައްޗަށް 1-2 ގެ ނަތީޖާއިން ބ.އޭދަފުށި ކުރިހޯދިއިރު، ސައުތު ލީގުގައި ލ.ގަން އަދި ސ.ފޭދޫގެ ކުރިމަތިލުން 0-0 ގެ ނަތީޖާއިން އެއްވަރުވެގެން ނިމިއްޖެއެވެ.
ނޯތު ލީގު މެޗަށް ބަލާއިރު، ފުރަތަމަ ހާފުގައި ފެނިގެންދިޔަ ފޯރިގަދަ ކުޅުމުގެ ތެރެއިން އޭދަފުށިން ލީޑު ނަގާފައި ވަނީ 45 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ފުރަތަމަ ހާފުގައި ފެނިގެންދިޔައީ އެންމެ ގޯލެއް ނަމަވެސް، އިތުރު ގޯލުތަކެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ދެޓީމަށްވެސް ލިބިފައި ވެއެވެ.
މަނަދޫއިން މެޗުގެ ނަތީޖާ އެއްވަރުކުރީ ލިބުނު ހިލޭޖެހުމަކުން މެޗުގެ 59 ވަނަ މިނެޓުގައެވެ. ޑީ-އޭރިއާގެވެސް ތަންކޮޅެއް ދުރުން ފޮނުވާލި މި ޖެހުން ގޯލަށް ވަދެފައިވަނީ އޭދަފުށީ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި އޭދަފުށިން ދެވަނަ ފަހަރަށް ލީޑު ނެގުމާ ހަމައަށްވެސް ފެނިގެންގޮސްފައި ވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. މަނަދޫއިން ވަނީ އޭދަފުށީ ހާފުތެރޭ ރަނގަޅަށް ކުޅެ، އޭދަފުށީ ގޯލަށް ނުރައްކާކޮށްފައެވެ.
ސައުތު ލީގު މެޗުގައިވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެމެޗުގައި ގޯލެއް ފެނިފައެއް ނުވެއެވެ.
ސައުތު ލީގުގައި ފޭދޫ ޓީމުން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެޓީމުގެ ފުރަތަމަ މެޗުގައި ވަނީ ލ.ކުނަހަންދޫގެ މައްޗަށް 2-4 ގެ ނަތީޖާއިން ކުރިހޯދާފައެވެ.
އެޓީމުން މުބާރާތުގެ ކޮލިފައިންގަ ކޮލިފައިންގ ބުރުގެ ޒޯން 2ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ލ.ގަން، މުބާރާތަށް އައިސްފައި ވަނީ ޒޯން 1 ގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. މިއީ ސައުތު ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗެވެ.