ކުޅިވަރު

ވޯލްޑް ކަޕް ދައްކަން ފީފާއިން ކިޔަނީ މާބޮޑު އަގެއް: ޗައިނާ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ދައްކަން ބްރޯޑްކާސްޓިން ރައިޓްސް ދިނުމަށް ފީފާއިން ކިޔަނީ މާ ބޮޑު އަގެއް ކަމަށް ދުނިޔޭގެ އެންމެ ބައިބޯ އެއް ގައުމު ކަމަށްވާ ޗައިނާއިން ބުނެފި އެވެ.

އެ ގައުމުން މިހެން ބުނީ ދުނިޔޭގެ އެންމެ ބައިބޯ އަނެއް ގައުމު ކަމަށްވާ އިންޑިޔާއިން ވެސް މިފަދައިން ބުނެފައިވަނިކޮށެވެ. ޗައިނާގެ ސީސީޓީވީ އަށް ވޯލްޑް ކަޕް ރައިޓްސް ދިނުމަށް ފީފާއިން ކިޔަނީ 250 މިލިއަން ޑޮލަރާއި 300 މިލިއަން ޑޮލަރުގެ އަގެއް ކަމަށް ޗައިނާގެ މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ސީސީޓީން ވޯލްޑް ކަޕް ދައްކަން ކަނޑައަޅާފައިވަނީ 60 އާއި 80 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ. ފީފާއިން ބްރޯޑްކާސްޓިން ރައިޓްސްގެ އަގު 120 އަދި 150 މިލިއަން ޑޮލަރަށް ކުޑަކުރި ނަމަވެސް ސީސީޓިވީގެ ބަޖެޓަށްވުރެ އަގު ބޮޑުވާތީވެ ވޯލްޑް ކަޕް ދެއްކުމުގެ ޝައުގު ކުޑަ ކަމަށް ވެސް ޗައިނާގެ މީޑިއާތަކުން ބުނެ އެވެ.

ޗައިނާގެ މީޑިއާތަކުން ބުނަނީ އެ ގައުމުން ފީފާއިން ކިޔާ އަގުދޭން ބޭނުންނުވަނީ އިންޑިޔާ ފަދަ ގައުމުތަކަށް 35 މިލިއަން ޑޮލަރަށް ރައިޓްސް ވިއްކާލަން ފީފާއިން މަޝްވަރާ ކުރަމުންދާތީ އެވެ.

ޗައިނާގައި ވޯލްޑް ކަޕް ދެއްކުމަށް އެހާބޮޑު ޝައުގުވެރިކަމެއް ނެތީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ. ފުރަތަމަ ކަމަކީ ޗައިނާ ވޯލްޑް ކަޕަށް ކޮލިފައިނުވުމެވެ. ދެ ވަނަ ކަމަކީ އެމެރިކާ އާއި ކެނެޑާއި އާއި މެކްސިކޯގައި ބާއްވާ މުބާރާތުގެ މެޗުތައް ކުޅެނީ ޗައިނާ އަށް ހެނދުނުގެ ވަގުތުގައި ކަމަށްވުމެވެ. އެއީ އޮފީސްތަކުގެ ރަސްމީ ވަގުތަށްވާތީވެ ސްޕޮންސަރުންގެ ޝައުގުވެރިކަން ކުޑަކަމަށްވެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ މިހާތަނަށް އެންމެ ހަރަކާތް ގިނަ މުބާރާތަށްވާނެ އެވެ. ސަބަބަކީ މުބާރާތް ފުޅާކޮށް 48 ޓީމު މި ފަހަރުގެ މުބާރާތުގައި ބައިވެރިވާނެތީ އެވެ. މުބާރާތް ފަށާނީ ޖޫން 11 ވަނަ ދުވަހު އެވެ.