ޤައުމީ ކުތުބުޚާނާގެ ގޮފިތަކެއް އަތޮޅުތަކުގައި ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން 6 ރަށެއްގައި ކުތުބުޚާނާ ޤާއިމްކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ޤާއިމުކުރާ ކުތުބުޚާނާގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޤައުމީ ކުތުބުޚާނާއިން އެންމެ އިސްކަމެއްދީގެން މިހާރު ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ސިޓީތަކުގައި ޒަމާނީ ލައިބްރަރީތަކެއް ޤާއިމްކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ޝައުގުވެރިކަން ޒުވާން ޖީލުތަކުގައި އަށަގެންނެވުންކަމަށެވެ.
އެކަމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމުގެ މަސައްކަތް ހިމެނޭކަން ވަޒީރު ހީނާ ވަލީދު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސިޓީތަކުގައި ޒަމާނީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް އިމާރާތްކުރުމަށްޓަކައި ބިންގާ އެޅި މަސައްކަތް ކުރިއަށްދާކަމަށެވެ.
މީގެއިތުރުން މިއަހަރުތެރޭ ލައިބްރަރީތައް ޤާއިމްކުރާ ރަށްރަށުގައި، ލައިބްރަރީ ޤާއިމްކުރެވޭނެ ތަންތަން ބަލަމުންދާކަމަށް ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އިމާރާތުގެ މަސައްކަތް އަވަހަށް ކުރިއަށްގެންދެވޭނެ 6 ރަށެއް ފާހަގަކުރެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ، ހއ. އިހަވަންދޫ، ހއ. ކެލާ، ނ. ކެނދުކުޅުދޫ، އދ. މަންދޫ، ދެ. މީދޫ އަދި ތ. ބުރުނިއެވެ.
"ފުވައްމުލައް އަދި އައްޑޫ ސިޓީގައި ޤައުމީ ކުތުބުޚާނާގެ ގޮފި ޤާއިމްކުރުމަށްޓަކައި މިހާރު އިމާރާތްކުރުމަށްޓަކައި ބިންގާ އެޅި ކުރިއަށްއެބަދޭ. އަދި 2026 ވަނަ އަހަރު ޤާއިމްކުރާ ލައިބްރަރީތަކުގެ، ރަށްރަށުގަ ހުރި އިމާރާތްތައް ބަދަލުކޮށްގެން ލައިބްރަރީތައް ޤާއިމްކުރެވިދާނެ ތަންތަން ބަލައި، އެގޮތުން އިމާރާތް އެންމެ އަވަހަށް ކުރިއަށްގެންދެވިދާނެ ފާހަގަކުރެވިފައިވާ 6 ރަށެއް. އެ ރަށްރަށަށް ގޮސް ތަނުގެ ހާލަތު ބަލައި، ކުރަން ހުރި ކަންކަން ކުރުމަށްޓަކައި މިހާރު މަސައްކަތް ފަށާފައި މިވަނީ". ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ތަރިކައާއި އަސާރުތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މާއްދީ ތަރިކަތަކާއި، މަޢުނަވީ ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތެއް ތަންފީޒްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.