މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމުގެ އިޝާރާތެއް ލިބިފައިވާއިރު، އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށް ތައްޔާރުވުމުގެ ގޮތުން ފަރަންސޭސިވިލާތުގެ މަނަވަރުތައް އެ ސަރަޙައްދަށް ފޮނުވައިފިއެވެ.
ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭން ފެށި ޙަމަލާތަކާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
އިނގިރޭސިވިލާތާ ގުޅިގެން ފަރަންސޭސިވިލާތުން ވަނީ ހުރްމުޒް ހުރަސްކުރާ މުދާއުފުލާ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމުގެ ޕްލޭނެއް އެކުލަވާލައިފައެވެ. އެއީ މި ހަނގުރާމަ ނިމުމަކަށް ގެނެވުމާ އެކު ޢަމަލުކުރުމަށް އެކުލަވާލާފައިވާ ޕްލޭނެކެވެ. އެގޮތުން، މި ޕްލޭނުގައި އީރާނުގެ އިތުރުން ސަރަޙައްދުގެ އިތުރު ޤައުމުތައް ބައިވެރިކުރުމަށްވެސް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވަނީ ނިންމައިފައެވެ. ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއިން ބުނީ އެ ޤައުމުގެ މަތިންދާބޯޓު އުފުލާ މަނަވަރަކާއި، ނެދަރލެންޑްސް އަދި އިޓަލީގެ މަނަވަރުތަކެއް ރަތް ކަނޑަށް ދިޔުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގެ މަޤްޞަދަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް، އިރާނާއި ސަރަޙައްދުގެ ޤައުމުތަކުގެ މަޝްވަރާގެ މަތީން، އެ ސަރަޙައްދުގައި މި ވަގުތު އޮތް ޙާލަތު ވަޒަންކޮށް، ރައްކާތެރިކަމާއެކު އުޅަނދުތަކަށް ދަތުރުކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ވެސް ބުނެފައިވެއެވެ.
ފަރަންސޭސިވިލާތުގެ ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުރްމުޒްގެ ރައްކާތެރިކަން ކަށަވަރު ކުރެވިއްޖެނަމަ، އީރާނާއި އެމެރިކާއަށް ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް، މި އޮޕަރޭޝަނުގެ ކާމިޔާބީ ގުޅިފައިވަނީ، ހުރްމުޒް ހުރަސްކުރާ އުޅަނދުތަކަށް ޙަމަލާދިނުން އީރާނުން ހުއްޓައިލުމާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވިއެވެ. މި ހުށަހެޅުމާ މެދު އެއްބަސްވާ ކަމަށް އީރާނުން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ.
އެމެރިކާއިން ހުށަހަޅާފައިވާ ސުލްޙައިގެ ޝަރުޠުތައް އީރާނުން މުތާލިޢާ ކުރަމުންދާއިރު، އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް ގެނެވޭނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ދަށުން އީރާނުން 12 އަހަރުގެ މުއްދަތަށް ޔުރޭނިޔަމް މުއްސަނދިކުރުން ހުއްޓައިލައި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަށް އިޤުރާރުވާން ޖެހޭނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އޭގެ ބަދަލެއްގެ ގޮތުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވައިލައި، ހިފަހައްޓާފައިވާ އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއްގެ މުދަލާއި ފައިސާ ދޫކޮށްލަން ޖެހޭނެއެވެ. އަދި، ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި، އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ދަތުރުފަތުރަށް ހުޅުވައިލުމަށް ޓްރަމްޕްގެ ހުށަހެޅުއްވުމުގައި ހިމަނާފައިވެއެވެ.