މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވިި 233 އާރުޓީއައި ފޯމަށް ޖަވާބުދީ، މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ވުޒާރާތަކަށް މައުލޫމާތު ހޯދުމަށް ހުށަހަޅާ އާރުޓީއައި ފޯމުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ އާރުޓީއައިތައް ހުށަހަޅާ ފަރާތްތަކުން ކާކުކަން ނޭނގޭ ގޮތަށް އެއް މައުލޫމާތެއް ހޯދަން ވަރަށް ގިނައިން ހުށަހަޅާ ކަމަށާއި މައުލޫމާތު ހޯދަންޖެހޭ ތަން ނޫން އެހެން ތަންތަނަށް ވެސް އާރްޓީއައި ފޮނުވަމުން އަންނަ ކަމަށެވެ. އަދި ވަކި މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ވަކި ގޮތަކަށް ސުވާލު އުފައްދައިގެން އާރުޓީއައި ހުށަހަޅާ ކަމަށާއި މީގެ ސަބަބުން މައުލޫމާތު ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ރައީސް އޮފީހަށް ހުށަހަޅާ އާރުޓީއައިތަކަށް މައުލޫމާތު ފޯރުކޮށްދެމުން ދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުންފެށީގެން ޑިސެމްބަރު މަހުގެ ނިޔަލަށް 182 އާރުޓީއައި ލިބުނުއިރު 170 އާރުޓީއައިއަށް ޖަވާބުދެއްވާފައިވާ ކަމަށާއި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް 106 އާރްޓީއައި ލިބިފައިވާއިރު، 63 އާރްޓީއައިއަށް ޖަވާބު ދީފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
"ޖުމްލަ 288 އާރްޓީއައި ރައީސް އޮފީހަށް މިދެންނެވި މުއްދަތުގައި ލިބި، 233 އަށް ޖަވާބު ދެވިފަ ފެންޑްވެފައިވަނީ މިއިނީ 55" ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ޚާރިޖީ ގުޅުންތަކާއި އެފަދަ ކަންކަމަށް ބުރޫ އަރާ ގޮތަށް އެދިފައި ހުންނަ މައުލޫމާތާއި ބައެއް މާލީ އެއްބަސްވުންތަކުގައި ހުންނަ ސިއްރުކޮށްފައިވާ މައުލޫމާތު އަދި ޤައުމީ ސަލާމަތާގުޅޭ މައުލޫމާތު ހޯދަން އާރުޓީއައި ހުށަހެޅި ނަމަވެސް އެފަދަ މައުލޫމާތު ހިއްސާ ނުކުރެވޭނެކަން ދަންނަވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރުގެ ބައެއް ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފާސްހިސާބުތައްވެސް ހިއްސާކުރައްވާފައެވެ.