ޚަބަރު

ގަލްފުގެ އެއާލައިންތަކަށް ލިބެމުންދިޔަ ކުރިއެރުމަށް މަޑުޖެހުމެއް


ފާއިތުވި ހަފްތާއެއްހާ ދުވަހު މަދު ނުކުރާ މިންވަރަށް މެދުއިރުމަތީގެ އެއާލައިންތަކުން އަޅާ ފްލައިޓުތަކުގެ ޢަދަދު މަދުކޮށްފިއެވެ. އެ އެއާލައިންތަކުން އަޅާ ފްލައިޓުގެ ޢަދަދު މަދުވެފައި ވަނީ އީރާނުން ދިން ޑްރޯން ޙަމަލާތަކެއްގެ ސަބަބުން ފްލައިޓުތައް ޑައިވާޓުކުރަން މަޖުބޫރުވެފައި ވަނިކޮށެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓުން އަރާފައި އޮތުމަށް ފަހު ލިބެމުންދިޔަ ކުރިއެރުން އައު ޙާމަލާތަކުގެ ސަބަބުން އަނެއްކާ ވެސް މި ވަނީ މަޑުޖެހިފައެވެ.

މެދުއިރުމައްޗަކީ ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތައް އެ ސަރަޙައްދަކަށް ނިސްބަތްވާ ސަރަޙައްދެވެ. އީރާނުގެ ޙަމަލާތަކުގެ ސަބަބުން އެއާލައިންތަކުގެ ވިއުގައަށް އަސަރުކޮށް، ވައިގެ ބަނދަރުތައް ބަންދުކުރަން ޖެހިފައިވެއެވެ. އަދި މަތިންދާބޯޓު ދަތުރުކުރާ މަގުތައް ބަދަލުކުރުމަށް ވެސް މަޖުބޫރުވެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާއެކު އެމިރޭޓްސްއާއި އިއްތިޙާދު އެއާވޭޒްއާއި ފްލައިދުބާއީ
އާއި ޤަޠަރު އެއާވެޒްގެ އިތުރުން އެއަރ އަރަބިޔާގެ ދަތުރުތައް ވަނީ އެއްކޮށްހެން ހުއްޓިފައެވެ. ނަމަވެސް ފަހުން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ދަތުރުކުރާ ފްލައިޓުތަކުގެ ޢަދަދު ވަނީ މަޑުމަޑުން އިތުރުވާން ފަށައިފައެވެ. ފްލައިޓްތައް އިތުރުވާން ފެށި ނަމަވެސް އެ ޢަދަދުތައް ހުރީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ވުރެ މާ ބޮޑަށް ވެސް ދަށުގައެވެ.

އެއާލައިންތަކަށް ލިބެމުންދިޔަ މި ކުރިއެރުން އަނެއްކާ ވެސް މަޑުޖެހިފައި މި ވަނީ ޑްރޯން ޙަމަލާތަކެއް އަނެއްކާ ވެސް ޔޫއޭއީއަށް ދިނުމާ ގުޅިގެންނެވެ. އޭގެ ސަބަބުން ޔޫއޭއީއަށް މިސްރާބު ޖަހާފައި ހުރި ފްލައިޓުތަކުގެ މަންޒިލް ވަނީ ޢުމާންގެ މަސްކަޓަށް، ނުވަތަ ސަޢުދީ ޢަރަބިއްޔާގެ ރިޔާޟަށް ބަދަލުކޮށްފައެވެ.

ޙަމަލާތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ އިއްތިޙާދުއާއި ޤަޠަރު އެއާވޭޒްގެ ފްލައިޓްތަކުގެ ޢަދަދަށެވެ. ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ކުރިއެރުން ލިބުނު މިންވަރު ވެސް ތަފާތެވެ. ފްލައިޓްރާޑާ24.ކޮމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި އެމިރޭޓްސްއިން ވަނީ ހަނގުރާމައިގެ ކުރިން އަޅަމުންދިޔަ ފްލައިޓްގެ ޢަދަދުގެ 84 އިންސައްތައާ ހަމަައަށް ފްލައިޓްތައް އިތުރުކޮށްފައެވެ. ނަމަވެސް އެއާ އަރަބިޔާއާއި އިއްތިޙާދުގެ ދަތުރުގެ ޢަދަދު ހުރީ ފެބްރުއަރީ މަހުގެ ޢަދަދާ އަޅާބަލައި އިރު 60 އިންސައްތައިގައެވެ. އަދި ޤަޠަރު އެއާވޭޒްގެ ޢަދަދު ހުރީ 51 އިންސައްތައިގައެވެ.

މެދުއިރުމަތި ނޫން އެހެން ސަރަޙައްދުތަކަށް ވެސް ހަނގުރާމައިގެ އަސަރު ވަނީ ފޯރާފައެވެ. ޖެޓް ފިއުލްގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން އެއާލައިންތަކަށް ދަނީ ގެއްލުން ލިބެމުންނެވެ. އަދި ވިލާތާއި އޭޝިޔާގެ ފްލައިޓް ޝެޑިއުލްތަކަށް ވެސް ވަނީ އަަސަރުކޮށްފައެވެ. މި ޙާލަތުގައި ބައެއް އެއާލައިންތަކުން ވަނީ އެ އެއާލައިންތަކުގެ މަތިންދާބޯޓުތައް ނުދުއްވައި ޕާކުކޮށްފައެވެ.