ސެނެގާލްގެ ކެޕްޓަން ހާލިދޫ ކުލިބާލޭ އަށް ވޯލްޑް ކަޕުގައި ނުކުޅޭނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
އެންމެ ފަހުގެ އެފްރިކާ ކަޕުގެ ތަށި ސެނެގާލް އަށް ހޯދައިދިން ވަރުގަދަ ޑިފެންޑަރަށް އަނިޔާވީ ސައޫދީ ޕްރޯ ލީގުގައި ކުޅޭ އޭނާގެ ޓީމު އައް ހިލާލްގެ ޕްރެކްޓިހުގަ އެވެ. ޓީމުގެ ކުޅުންތެރިއަކާއެކު ބޯލަ ހޯދަން އުޅެނިކޮށް އޭނާގެ ތަނބިކައްޓަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. މީގެ ސަބަބުން މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ފަހުން އޭނާ އަށް ވަނީ ކުޅެވޭ ގޮތް ނުވެފަ އެވެ.
އަލް ހިލާގެ ކޯޗު ސިމޯން އިންޒާގީ ބުނީ އުމުރުން 34 އަހަރުގެ ޑިފެންޑަރަށް އަލުން ކުޅެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި ކުޅުންތެރިޔާގެ އަނިޔާ ސީރިއަސް ކަމަށެވެ. އޭނާ މިހެން ބުނީ ސައޫދީ ކިންގްސް ކަޕް ފައިނަލުގައި ކުލިބާލޭ ނުފެންނާނެ ކަން ޔަގީން ކޮށްދެމުންނެވެ.
އޭނާ އަށް ނުކުޅެވުމަކީ ސެނެގާލް އަށް ފޫބައްދަން ދަތި މައްސަލައަކަށްވާނެ އެވެ. ނަމަވެސް އެ ގައުމުގެ 17 އއަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ބުނީ ކެޕްޓަން ނެތްތަން ފޫބެއްދިދާނެ ޒުވާން ކުޅުންތެރިން އެބަތިބި ކަމަށެވެ.
"އޭނާ އަކީ އަހަރުމެންނަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާ ނެތްތަނަށް ކުޅޭނެ ޒުވާން ކުޅުންތެރިން އެބަތިބި. އަހަރުމެން މިކަމާ ބިރު ގަންނާނަކަށް ނުޖެހޭ. އިންޖަރީ އަކީ އެއްވެސް މީހަކަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން. ކުލިބާލޭ އަށް ނުކުޅެވިއްޖެނަމަ އެއީ ވަރަށް ބޮޑު ދެރައެއް. އޭނާ އަކީ ކެޕްޓަން. ވަރަށް މުހިންމު މީހެއް އެއީ،" ކޯޗު ސާނޭ ބުންޏެވެ.
ކުލިބާލޭ އަކީ އެންމެ ފަހުގެ އެފްރިކާ ކަޕުގައި ދެ ފަހަރު ރަތްކާޑު ދައްކައި ފޮނުވާލި ކުޅުންތެރިއެކެވެ. މީގެ ސަބަބުން ސެނަގާލް ތަށި ހޯދިއިރު ފައިނަލް މެޗުގައި މޮރޮކޯއާ ދެކޮޅަށް ވެސް އޭނާ އަށް ނުކުޅެވުނެވެ.