ބޮޑު ތަފާތަކުން ގުޅީ ސްކޫލް ބަލިކޮށް، "ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް، ޢިމާދުއްދީން ސްކޫލުން ހޯދައިފިއެވެ.
ހުޅުމާލެ މިނީ ސްޕޯޓްސް ކޮންޕްލެކްސްގައި އިއްޔެ ކުޅުނު މިމެޗުން ޢިމާދުއްދީން ސްކޫލް މޮޅުވެފައި ވަނީ 0-5 ގެ ނަތީޖާއިންނެވެ.
ޢިމާދުއްދީން ސްކޫލުން، ގުޅީ ސްކޫލުގެ ގޯލު ހުޅުވާލީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ޢިމާދުއްދީނުން ވަނީ މެޗުގެ 17 ވަނަ މިނެޓުގައި އެޓީމުގެ 2 ވަނަ ލަނޑު، އަދި 22 ވަނަ މިނެޓުގައި 3 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު، މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ 0-3 ގެ ނަތީޖާއިން ޢިމާދުއްދީން ސްކޫލް ކުރީގައި އޮވެގެންނެވެ.
ޢިމާދުއްދީން ސްކޫލުން ކާމިޔާބުކުރި ފަހު 2 ލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ފަހުކޮޅުގައެވެ. އެގޮތުން 4 ވަނަ ލަނޑު، މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކުރި އިރު، 5 ވަނަ ގޯލު ފެނިގެންގޮސްފައި ވަނީ މެޗުގެ 60 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.
މި ނަތީޖާއާއެކު، ޢިމާދުއްދީން ސްކޫލް މިވަނީ ކުޅުނު 2 މެޗުން ލިބުނު 6 ޕޮއިންޓު އަދި ފައިދާ 8 ގޯލާއެކު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެޓީމުގެ ފުރަތަމަ މެޗުގައި އަޙްމަދިއްޔާ އިންޓަރނޭޝަލަން ސްކޫލް ބަލިކޮށްފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.