ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ. މިދަތުރުފުޅަކީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެގެ ދަޢުވަތަކަށް އެމަނިކުފާނުގެ ދެކަނބަލުން ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ އާދީއްތަ ދުވަހު ލަންކާއަށް ވަޑައިގެންނެވުމުން އެ ޤައުމުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރަސްމީކޮށް އެ ޤައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ ހޯމަ ދުވަހު ލަންކާގެ ރައީސްގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ލަންކާގެ ރައީސް ވަނީ ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު ދެ ޤައުމުގެ ރައީސުން ވަނީ ދެޤައުމުގެ ގުޅިފައިވާ ބަޔާން އިއްވަވާފައެވެ.
- މިއީ މިމަހުގެ 3 އިން 6އަށް ކުރެއްވި ދަތުރުފުޅެއް
- ތިމާވެށްޓާއި ވިޔަފާރީގެ ދާއިރާއިން ލަންކާއާއެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުން
- ސްރީލަންކާއިން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން
- ރާއްޖެއާއި ލަންކާ ދެމެދު 7 ދާއިރާއަކުން ފަހުމުނާމާ ބަދަލުކުރުން
- އަމާޒަކީ އެއްބަސްވުންތައް ހަގީގަތަކަށްވެ، ރައްޔިތުންނަށް ފައިދާވުން: ރައީސް
- ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ލަންކާގެ ބޮޑުވަޒީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން
- ރާއްޖެއަކީ ލަންކާގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް: ލަންކާގެ ރައީސް
- ރާއްޖެއާއި ލަންކާއަށް އިގްތިޞާދީނަފާ ލިބޭނީ ގުޅިގެން މަސައްކަތްކޮށްގެން: ރައީސް
- ލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުން
- ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފެށުން
- ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ލަންކާގެ އިންވެސްޓަރުންނާ ހިއްސާކުރުން
- ލަންކާގައި މިފްކޯގެ އުފެއްދުންތައް ރަސްމީކޮށް ތަޢާރަފްކުރުން
- ވިސާގެ ދަތިތަކަށް ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް: ރައީސް
(1 މޭ) ނިމުނު ހަފުތާގައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ލަމްޢާން ޢައްޔަންކުރައްވާފައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ފަރާތުން ލަމްޢާން އެމަޤާމަށް ޢައްޔަންކުރައްވާފައިވަނީ އެމަޤާމު ފުރުއްވަމުންގެންދެވި އިބްރާހިމް ޒިޔަތު އެމަޤާމުން ވަކިކުރުމަށްފަހުގައެވެ. (3 މޭ) މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަހުމަދު މުބީން އައްޔަންކޮށްފައިވަނީ ނިމުނު ހަފުތާގެ އާދީއްތަ ދުވަހުއެވެ.
(4 މޭ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާ އައްޔަން ކުރައްވާފައިވަނީ ނިމުނު ހަފުތާގެ ހޯމަދުވަހުއެވެ.
(1 މޭ) އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޒާހިދު މަޤާމުން އިސްތިޢުފާ ދެއްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީއެސްއެމްއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
(މޭ 6) ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އިންތިހާބާބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިއިންތިޚާބަށް ހުޅުވާލުމުން ކުރިމަތިލި 2 ކެނޑިޑޭޓުންގެ މެދުގައިވަނީ ގުރުއަތު ނަގާފައެވެ. ކެނޑިޑޭޓް ނަންބަރު އެކެއް ލިބުނީ ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދަށެވެ. އިދިކޮޅު ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް ޢަބަދުﷲ ޞާދިޤު އަށް ލިބުނީ ކެނޑިޑޭޓް ނަންބަރު 2 އެވެ.
(މޭ 7) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި މި ބައި-އިލެކްޝަންގައި އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ދެ ވޯޓުފޮށި ބަހައްޓާނެއެވެ.
(މޭ 3) ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ޖޫން މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިިދިޔަ އާދީއްތަ ދުވަހުއެވެ. އެދެރަށުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިލަތިލުމަށް ހުޅުވާލި މުއްދަތުގައި ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
(1 މޭ) ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރުއެޅުމަށް މިހާރު ހަމަޖެހިފައިވަނީ ހުރިހާ ސެގްމަންޓެއް އެކީގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ކުރިން ނިންމާފައި އޮތީ، ސެގްމަންޓު 5ގައި ތާރުއަޅާ ނިންމުމަށްފަހު ދެން ހުރި ސެގްމަންޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.
(3 މޭ) މާލޭގައި 1 އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިދޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިގޮތުން މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވިނަމަވެސް މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް އެ ކެޓަގަރީގެ ޝަރުތު ފުރިހަމަވާނަމަ އެޕްލައި ކުރެވޭނެހެން އެވުޒާރާއިން ވަނީ ފޯމަށް ބަދަލު ގެނެސްފައެވެ.
(މޭ 5) ށ. މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ޙަވާލުކޮށްގެންނެވެ. މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އެޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.
(މޭ 5) ތިލަމާލެ ބުރިޖުގެ %72 އަށްވުރެ ގިނަ މަސައްކަތްތައް ނިމިފައިވާކަމަށާއި، ބުރިޖުގެ ކޮލިޓީގެ އެއްވެސް މައްސަލައެއް ނޫޅޭނެކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ތިލަމާލެ ބްރިޖު މަޝްރޫޢަކީ، އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢަކީ ތިލަމާލެ ބުރިޖު އެޅުމުގެ މަޝްރޫއެކެވެ.
(މޭ 6) ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ޑޮކިއުމަންޓްތައް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ހާމަކުރީ ނިމުނު ހަފުތާގެތެރޭގައެވެ. ހުޅުމާޅެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ރަށްވެހިކަން އެފްލެޓްތަކަށް ބަދަލުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެކުންފުނިން ވަނީ މާލެ ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައެވެ.
(މޭ 7) ދ.ކުޑަހުވަދޫގައި އަމިއްލަ މީހުންގެ ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމުގެ ފުރުސަތުގެ ދަށުން 50 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް އެގޯތީގެ ބިން ހަވާލުކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. އިމާރާތްކުރުމާއި ބެހޭ ވުޒާރާއާއި ގޭބިސީތަކުގެ ވެރިންނާ ދެމެދު ބިން ހަވާލުކުރުމުގެ އެއްބަސްވުން ޤާއިމުކޮށް މިއަދުގެ ނިޔަލަށް ނިމޭނެކަމަށް ބެލެވެއެވެ.
(މޭ 2) ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދަން ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވަނީ ބޭންކުން ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.
(މޭ 6) ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރުމަށް ކަސްޓަމަރުންނަށް އެއްވެސް ލިމިޓެއް ކަނޑައަޅާފައިނުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވީވެސް ނިމުނު ހަފުތާގެތެރޭގައެވެ. އެބޭންކުން މިހެން ވިދާޅުވީ، ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ލިމިޓްކުރުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުމާ ގުޅިގެންނެވެ.
(މޭ 3) ޕަބްލިކް ސަރވިސް މީޑިއާގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރީ އެވޯޑު ޙަފްލާ ބާއްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ޙަފްލާގައި އެކި ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ޚާއްސަ އެވޯޑު ވަނީ ދީފައެވެ. މި ޙަފްލާ ބާއްވާފައިވަނީ ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. ޕީއެސްއެމް ނިއުސްގެ އެވޯޑު ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދުއެވެ.