ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިމަހުގެ 3އިން 6 އަށް އަވައްޓެރި ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސްރީލަންކާއިން ރަސްމީކޮށް މަރުޙަބާ ދެންނެވީ އެޤައުމުގެ ރައީސް، އަނޫރަ ކުމާރަ ޑިސަނާޔަކެއެވެ. މި ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ސްރީލަންކާގެ އަސްކަރިއްޔާގެ ގާޑް އޮފް އޮނަރއެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
ރަސްމީކޮށް މަރުޙަބާ ދެންނެވުމަށްފަހު ދެން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ރިޔާސަތުގައި، ދެ ޤައުމުން ރަސްމީ މަޝްވަރާތަކެވެ.
މި މަޝްވަރާތަކުގައި ދެބޭފުޅުން ވަނީ، އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައިވާ 60 އަހަރުވީ ސިޔާސީ ގުޅުމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނާ ސްރީލަންކާގެ ރައްޔިތުންނާ ދެމެދު އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެޤައުމުގެ ތަރައްޤީގައި ކޮންމެ ޤައުމަކުންވެސް އަދާކުރަމުން އަންނަ ދައުރަށްވެސް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، އިޤްތިޞާދީ، ޒުވާނުންގެ ތަރައްޤީ، ތަޢުލީމް، ތާރީޚާއި ޘަޤާފަތް، ޞިއްޙީ، ދިފާޢީ، މަސްވެރިކަމުގެ ދާއިރާތައް ހިމެނޭހެން ދެޤައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމުގައި، ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ. މިދަތުރުފުޅުގައި ވަނީ 7 އެއްބަސްވުމެއް ބަދަލުކުރައްވާފައެވެ. އޭގެތެރޭގައި ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކެވެ.
އެއްބަސްވުންތައް ބަދަލުކުރުމަށްފަހު ދެ ޤައުމުގެ ރައީސުން ދެއްވި ގުޅިފައިވާބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ސަގާފަތާއި، އަދި ހިއްސާކުރާ ތަރިކައިގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ސަގާފީ ހިއްސާކުރުންތަކާއި، ތަޢުލީމީ ދާއިރާގެ ގުޅުންތަކާއި، އިޖުތިމާޢީ ތަރައްޤީގެ މަސައްކަތްތައް މެދުވެރިކޮށް މި އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ރޭވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރާއްޖެއާއި ސްރީލަންކާގެ ޚާރިޖީ ގުޅުމަށް 60 އަހަރުވެފައިވާއިރު މި ދަތުރުފުޅުގެ ތެރެއިން ވަނީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މީގެ އިތުރުން އެ ޤައުމުގެ ބައެއް އިސްވެރިންވެސް ވަނީ ރައީސްގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އޭގެ ތެރޭގައި ލަންކާގެ ބޮޑުވަޒިރު ޑރ. ހަރިނީ އަމަރަސޫރިޔާއާއި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތުގެ އިތުރުން ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް (ޑޮކްޓަރ) ޖަގަތް ވިކްރަމަރަތްނަ އެމް. ޕީ ހިމެނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރަސްމީ ޖާފަތެއް ދެއްވާފައެވެ.
މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތަޢުލީމު، އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. ޚާއްޞަކޮށް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ފަދަ ދެ ޤައުމަށް އާންމު ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން ވަކާލާތުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސްގެ ލަންކާ ދަތުރުފުޅުގައި ވަނީ ދިވެހިންނަށް ސްރީލަންކާގައި އިލެކްޓްރޯނިކް ޕާސްޕޯޓާ، އައިޑެންޓިޓީ ކާޑު ހެދުމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. އަދި ކޮޅުނބުގައި ހުންނަ ރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ވަޑައިގެން، ލަންކާގައި ދިރިއުޅެމުން ގެންދާ ދިވެހިންނަށް އެމަރުކަޒުން ދެމުންގެންދާ ތަފާތު ޚިދުމަތްތައް ބައްލަވާލެއްވިއެވެ. ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ މިފްކޯގެ އުފެއްދުންތައް، ސްރީލަންކާއަށް ތަޢާރަފްކޮށްފައެވެ.
މީގެ އިތުރުން ލަންކާގާއި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ އެމީހުންގެ ކަންބޮޑުވުންތައް އަޑުއަައްސަވާ ވަރަށް ގިނަ ވަގުތު ދިވެހިންނާ އެކު ހޭދަކުރެއްވިއެވެ. ދިވެހިންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިސާގެ ކަންކަމުގައި ހުރި ދަތިތަކަށް ހައްލެއް އަންނާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ސަރުކާރުން ދެއްވާފައިވާކަމަށެވެ. އަދި ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ގޮތްޕެއް ޤާއިމުކުރުމާއި، ދިވެހި އުފެއްދުންތައް އެ ޤައުމުގެ ބާޒާރަށް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނަށް ހިއްސާކުރެއެވެ. ރައީސް ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް ވަނީ މިފަދަ ބިސްނަޒް ފޯރަމްއެއް ބާއްވާފައެވެ. މި ފޯރަމްގައި 300އެއްހާ އިންވެސްޓަރުން ބައިވެރިވިއެވެ. މި ފޯރަމްގެ ތެރެއިން ވަނީ ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާ ހިމެނޭހެން، ރާއްޖޭގައި ހުރި ވުނަކުރުމުގެ ފުރުސަތުތައްވެސް ހިއްސާކޮށްފައެވެ.
ސްރީލަންކާއަކީ ރާއްޖެއާ އެތައް ގޮތަކުން ގުޅިފައިވާ ޤައުމެކެވެ. ދެ ޤައުމުގެ ދެމެދު 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސިޔާސީ ގުޅުން ޤާއިމްކުރިނަމަވެސް އޭގެ ކުރިންވެސް ދެ ޤައުމުގެ ދެމެދު އޮތީ ގާތް ގުޅުމެކެވެ. ލަންކާއަށް މަތީ ތަޢުލީމު ހާސިލުކުރުމަށާއި ސިއްޙީ އެކި ބޭނުންތަކަށް ދަތުރު ކުރާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މި ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔަ ދަތުރުފުޅެކެވެ.