އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 831،254 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރޭގައި ކްރޫޒްލައިންތަކުން އައި ފަތުރުވެރިންގެ އަދަދު 13،808 އަށް އަރައެވެ.
ގެސްޓްހައުސް ސިނާއަތަކީ މިހާރު ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ ސިނާއަތެކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %25 އެވެ.
* ރިސޯޓް: 567،371 ފަތުރުވެރިން
* ގެސްޓްހައުސް: 202،815 ފަތުރުވެރިން
* ހޮޓެލް: 21،682 ފަތުރުވެރިން
* ސަފާރީ: 18،225 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %15.5 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.
* ޗައިނާ: 125،682 ފަތުރުވެރިން
* ރަޝިއާ: 107،368 ފަތުރުވެރިން
* އިނގިރޭސިވިލާތް: 73،493 ފަތުރުވެރިން
* އިޓަލީވިލާތް: 66،333 ފަތުރުވެރިން
* ޖަރުމަނުވިލާތް: 54،483 ފަތުރުވެރިން
މި މުއްދަތުގެ ތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 817،446 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %97.1 އެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް މިހާރު މަޑުމަޑުން ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. މިމަހުގެ 1ވަނަ ދުވަހުވެސް ރާއްޖެއަށް 6611 ފަތުރުވެރިން ވަނީ އައިސްފައެވެ.