ޚަބަރު

އަމާޒަކަށް ވާންވާނީ ކުދިންނަށް ރައްކާތެރި މުސްތަޤުބަލެއް ހޯދައިދިނުން: ނިއުމާތު


  • ކުދިންގެ އުފާވެރިކަން ބިނާވެފައިވަނީ ކުދިން ދިރިއުޅޭ މާހައުލާއި

  • ކޮންމެ ކަމެއް ނިންމުމުގައިވެސް ކުދިންގެ މަސްލަހަތަށް އިސްކަން ދިނުމުގެ ސިޔާސަތެއް ގެންގުޅެންޖެހޭ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އަމާޒަކަށް ވާންވާނީ ހުރިހާ ކުދިންނަށްވެސް ރައްކާތެރި މުސްތަގުބަލެއް ހޯދައިދިނުން ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިއުމާތު ޝަފީޤު ވިދާޅުވެއްޖެއެވެ.

ނިއުމާތު މިހެން ވިދާޅުވީ ޤައުމީ ކުޑަކުދިންގެ ދުވަހު ފޮނުއްވެވި ޚިޠާބުގައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިއުމާތު ޝަފީޤު ވިދާޅުވީ މިއަދު ބޭނުންވަނީ އާއިލާއާއި، ކުދިންގެ ގާތް ރައްޓެހިންނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ހަނދާންކޮށްދިނުންކަމަށެވެ. އަދި ކުދިންނަށް ދިމާވާ ކަންކަމާ، އެކަންކަމާގުޅިގެން ކުރެވޭ އިހުސާސްތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ މުހިންމުކަން ހަނދާންކޮށްދިނުންކަމަށްވެސް ވިދާޅުވިއެވެ. އާއިލާއާއި ރައްޓެހިންނާއެކު ކުދިން ހޭދަކުރާ ވަގުތުތަކަކީ، އެކުދިންނަށް އުފާވެރިކަން ގެނެސްދޭ، އަދި ހަމަ އެކުދިންނަށް ބޭނުންތެރި ގޮތުގައި ހޭދަކުރެވޭ ވަގުތަތުކަކަށް ހަދަންޖެހޭކަމަށްވެސް ނިއުމާތު ވިދާޅުވިއެވެ.

"މިސާލަކަށް، ކާ ގަޑިތަކުގައި އާއިލާއާއެކު އެއް މޭޒެއްގައި އެކުގައި ކެއުމާއި، ގޭގައި ހޭދަކުރަން ލިބޭ ވަގުތުތަކުގައި ކަމެއް ނުކޮށް އެކުގައި ތިބެލުމަކީވެސް ދޭދޭ ގުޅުން ރަނގަޅުވެ، ހިތްހަމަޖެހުން ލިބޭކަންކަން. ތިކުދިންނަށްވެސް އިނގޭނެ، ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަމާ ދިމާވާނެ. އުފާވެރިކަންކަމާއެކު ކަންބޮޑުވާކަންކަންވެސް ބައެއް ފަހަރު ދިމާވާނެ. މިކަންކަމަކީ ތިޔަކުދިން އެކަނި އެކަންކަމާ ކުރިމަތިލާންޖެހޭނެ ކަންކަމެއް ނޫން. ތިޔަ ކުދިންނަށްޓަކައި ތިޔަކުދިންގެ އާއިލާއާއި ގާތްތިމާގެ މީހުން އަދި ރަހުމަތްތެރިން އަބަދުވެސް ތިބޭނެކަން ހަނދާންކުރުމަކީ ވަރަށް މުހިންމުކަމެއް" ނިއުމާތު ވިދާޅުވިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިއުމާތު ޝަފީޤު ވިދާޅުވީ ކުދިންގެ އުފާވެރިކަން ބިނާވެފައިވަނީ ކުދިން ދިރިއުޅޭ މާހައުލާއި، އާއިލާއާއި އަދި އެކުދިންގެ އެކުވެރިންނާއެކު އޮންނަ ގުޅުމުން ލިބޭ ލޯތްބާއި އަޅާލުމުގެ މައްޗަށްކަމަށެވެ. ކުދިންނާއެކު

ވަގުތު ހޭދަކުރާއިރު، އެކުދިން ކުރާހިތްވާ، އެކުދިން ހިތްހަމަޖެހޭ އަދި އުފާވެރިކަން ލިބޭ ކަންކަމަށް އަމާޒުކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. މިއީ ކުދިންނާއެކު އޮންނަ ގުޅުން ބަދަހިވެ، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ހެދިބޮޑުވުމަށް މަގުފަހިވާކަންތައްތަކެއްކަމާއި، އެކަންކަމަށް ސަމާލުކަން ދިނުމަށް ހަނދާންކޮށްދޭ ކަމަށް ނިއުމާތު ވިދާޅުވިއެވެ.

ގޭގެ މާހައުލެކޭ އެއްފަދައިން، ސްކޫލަކީވެސް ކުދިންނަށް މިނިވަންކަމާއެކު އެކުދިންގެ އިހްސާސްތައް ހިއްސާކުރެވޭ، ދޭދޭ ގުޅުން ބަދަހިކުރެވޭނެ ތަނަކަށްވުމުން، ކުދިންގެ ދިރިއުޅުމަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެވޭކަމަށްވެސް ވިދާޅުވިއެވެ. އަދި ސްކޫލް މާހައުލަކީވެސް ރައްކާތެރިތަނެއްގެ ގޮތުގައި އެކުދިންނަށް އިހުސާސްކުރެވޭނެކަމަށާއި އެހެންކަމުން ސްކޫލްގެ އެންމެހައި ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި އިހުތިރާމް ކުރުމާއި އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް ބިނާކުރުން މުހިއްމުކަމަށް ނިއުމާތު ވިދާޅުވިއެވެ.

ނިއުމާތު ޝަފީޤް ވިދާޅުވީ ކޮންމެ ކަމެއް ނިންމުމުގައިވެސް ކުދިންގެ މަސްލަހަތަށް އިސްކަން ދިނުމުގެ ސިޔާސަތެއް އެންމެންވެސް ގެންގުޅެންޖެހޭކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ކުރާ މި މަސައްކަތުގެ އަބަދުވެސް އަމާޒަކަށް ވާންވާނީ ހުރިހާ ކުދިންނަށް ރައްކާތެރި، އުފާވެރި މުސްތަގުބަލެއް ހޯދައިދިނުންކަމަށް ވިދާޅުވިއެވެ. ނިއުމާތު ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.