ޚަބަރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ 6 މަސް ތެރޭ ޑީޕޯޓް ކުރަނީ


  • 98% ބިދޭސީންގެ ބައޯމެޓްރިކްސް ނަގާ ނިމިއްޖެ

  • މި ސަރުކާރު ހަވާލުވީއިރު މި ނިސްބަތްހުރީ އެންމެ %13ގައި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ 6 މަސް ތެރޭ ޑީޕޯޓް ކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ތެރެއިން ރާއްޖޭގައި އުޅޭ ބިދޭސީންގެ ފުރިހަމަ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ތިބެގެން މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ %13 ކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައްކަމަަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅިވިއެވެ.


ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން އޮޕަރޭޝަން ކުރަނގިގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖެގައި އުޅެމުންދިޔަ 6700އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.