ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގިނަ އުޅަނދުތަކެއް ދަތުރުކުރުމަކީ، އިންޑިއާ ކަނޑު ހިމެނޭ ސަރަޙައްދުގެ ކަނޑުއޮޅިތަކުގެ މައްޗަށް ރާއްޖޭގެ ބާރު އޮތްކަން ހާމަވާކަމެއްކަމަށް ޗީ އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ޗީ އޮފް ޑިފެންސް ފޯސް ހިލްމީ މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެއެވެ.
ޗީ އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ބިމާއި ވައިގެ ސަރަހައްދާއި ޖައްވާ ކަނޑުގެ ސަރަހައްދު ދިފާއުކޮށް ހިމާޔަތްކުރުމަކީ ދިވެހި ސިފައިނަށް ޤާނޫނޫ އަސާސީން މަތިކޮށްފައިވާ ވަރަށް މުހިންމު މަސްއޫލިއްތަކެއްކަމަށެވެ. ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސިފައިންގެ މަޤްސަދުތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުން ހިމެނިފައިވާތީ ދިވެހިރާއްޖޭގެ ސަރަހައްދުގެ 200މޭލު އެތެރެ ދިފާއުކޮށް ހިމާޔަތްކުރުމާއެކު ދިވެހިރާއްޖެއަށް 200 މޭލު ބޭރުން ކުރިމަތިވާ އެންމެހާ ސަލާމަތާއި ނުރައްކާތަކާއި ކުރިމަތިލާން ޖެހޭކަމަށް ހިލްމީ ވިދާޅުވިއެވެ.
ހިލްމީ ވިދާޅުވީ ރާއްޖޭ ޤާއިމްވެފައި ވަނީ އިންޑިއާ ކަނޑުގެ ވަރަަށް މުހިންމު ސަރަހައްދެއްގައިކަމަށާއި އަހަރެއްގެ މައްޗައް އެވްރެޖްކޮށް 70،000އާއި 90،000 ދެމެދުގެ ބޯޓް ފަހަރު ރާއްޖޭގެ އެތެރޭންނާއި ކާރިން ދަތުރުކުރާކަމީ އިންޑިއާ ކަނޑުގެ އެންމެ މުހިންމު ކަނޑުއޮޅިތަކުގެ ކޮންޓްރޯލް ދިވެހި ރާއްޖެެއަށް ލިބިފައިވާކަން ސާބިތުކޮށްދޭ ވަރުގަދަ ހެއްކެއްކަމަށް ހިލްމީ ވިދާޅުވިއެވެ.
"މިއީ ދިވެހިރާއްޖޭގެ ސަރަހައްދު ދުނިޔޭގެ ކޮންމެ ސަރަހައްދަކަށްވެވެސް މުހިންމުވާ މައިގަނޑު ސަބަބު. އިންޑިއާ ކަނޑުގެ ތެރޭގައި ހިނގައި ކަނޑު ފޭރުމާއި ޓެރެރިޒަމާއި މަސްތުވާތަކެތީގެ ވަގު ފިޔަފާރި ކުރުމާއި ރާއްޖޭގެ 200 މޭލު ރޮނގުން އިންޗިއެއް ހިސާބު ބޭރުގައި ތިބެގެން ކުރާ މަސްވެރިކަމާއި ގެއްލުމާއި ނުރައްކާ ރާއްޖެއަށް ސީދާ ގޮތުން ކުރޭ. މިއީ ރާއްޖޭގެ ސަރަހައްދުގެ 200 މޭލު ބޭރުކަމުގައި ވީނަމަވެސް މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތާއި ކުރިމަތިވާ އަދި ކުރިމަތިކުރާ ނުރައްކާތައް. މިއީ ރާއްޖޭގެ އިޤްތިސޯދައް ކުރާ ބޮޑެތި ގެއްލުންތައް ދިވެހި އަސްކަރައްޔާ ހަރަކާތެރިވާން ޖެހޭނީ އެއްޤަމާިއ ވަޔާއި ޖައްވާ ކަނޑުގެ ސަރަހައްދުގެ އޮޕަރޭޝަން ސްޕެކްޓަރަމް މިވަނީ އެތަކެއްް ގުނައެއްވަނީ ފުޅާވެގެން ގޮސްފައި" ޗީ އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވިއެވެ.
ހިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ހާލަތު ރަނގަޅުކޮށް އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ރައީސް ވަރަށް މުހިންމު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަނީ ދިވެހި އަސްކަރިއްޔާއަށް ބޭރުގެ ނުފޫޒު ވަދެފައިވާ މިންވަރު ނައްތާލުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުންކަމަށެެވެ.
ހިލްމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދިވެހި އަސްކަރިއްޔާގެ ހުރިހާ ދާއިރާއެއް ތަރައްޤީކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ. އެއްޤަމާއި ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލްކަން ދަނީ ހޯދައްވާދެއްްވަމުންކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި އަސްކަރިއްޔާއިން ފޯރުކޮށްދޭ އެންމެ މުހިންމު އެއް ހިދުމަތް ކަމުގައިވާ އަލިފާނުން ރައްކާތެރިވުމުގެ ހިދުމަތް މުޅި ދިވެހި ރާއްޖެއަށް ލިބޭނެ މަގު ދަނީ ފަހިކުރަމުންކަމަށާއި ސިފައިންގެ ތަމްރީނު އިންފްރާސްރަކްޗާގެ ބިނާކުރުމާއި ސިފައިންގެ ލޮޖިސްޓިކް އަދި އިންޖިނިއަރިންގެ ދާއިރާ ތަރައްޤީކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް ހިލްމީ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުގެ ދިފާއީ ސިޔާސަތުގެ ދަށުން ދިވެހި އަސްކަރިއްޔާ މިއިން ޒަމާނަކު ހޯދާފައިނުވާ ކުރިއެރުން މިއަދު ދަނީ ހޯދަމުންކަމަށްވެސް ޗީ އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވިއެވެ.