ޚަބަރު

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް ދަޢުވާކުރަނީ


  • ދައުވާ ކުރަނީ ޕޮޕިއުލަރ މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ މައްޗަށް

  • ފައިސާގެ އަސްލު އޮޅުވާލުމަށް އެކުންފުނިން މަސައްކަތްކޮށްފައިވޭ

  • ތ. އޮޅުގިރި އަނބުރާ ދައުލަތައް ނެގުމަށް އޭސީސީން ވަނީ އެދިފައި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް، އެމްއެމް.ޕީއާރުސީގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ޕޮޕިއުލަރ މޯލްޑިވްސްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުންފުންޏަކުން ޚީޔާނަތް ހިންގުމަށް މަސައްކަތް ކުރިކަމާށް ތުހުމަތުކޮށް ދައުވާ ކުރަނީ ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެކެވެ. މިމައްސަލައަކީ 150،000 ޑޮލަރު ހިމެނޭ މައްސަލައެކެވެ. މިމައްސަލަ ޕީޖީއަށް ފޮނުވުމާއި ގުޅޭގޮތުން އޭސީސީން ވިދާޅުވީ، މިމައްސަލައިގެ ތަހުޤީޤަށް މިފައިސާ ޚިޔާނާތް ހިންގިކަން ހާމަވެފައިވާ ކަމަށެވެ.

އެގޮތުން 2014 ވަނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރު އޮކްޓޫބަރ މަހުގެ ނިޔަލަށް، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ފައިސާއިން 13 ޖުލައި 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150,000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އޭސީސީ ވިދާޅުވީ މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްޤުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލަރ މޯލްޑިވްސް އިން މަސައްކަތްކޮށްފައިވާކަން ވެސް ތަޙުޤީޤަށް ވަނީ ހޯދިފައިވާކަމް އޭސީސީން ވިދާޅުވިއެވެ.

އެސީސީގެ ތަހުޤީޤަށް އިތުރަށް ހާމަވި ކަންކަމުގެ ތެރޭގައި ތ.އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަޙުޤީޤަށް ވަނީ ހޯދިފައެވެ. އެރަށް ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްޤީ ކުރަންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ޢަމަލުނުކުރާކަން އޭސީސީން ފާހަގަކުރެއެވެ.

މިމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހަޅާފައިވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ދަށުންނެވެ. އަދި ޚިޔާލާނާތްތެރިވި 150،000 ޑޮލަރު އަނބުރާ ހޯދުމަށްވެސް އެދިފައިވެއެވެ. މިމައްސަލަ ޕީޖީއަށް

އޭސީސީން ވަނީ މައްސަލާގައި ހިމެނޭ ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮޅުގިރި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ނުކުރާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބޭކަން ފާހަގަކޮށް، އެއްބަސްވުމާއި އެއްގޮތަށް ޕޮޕިއުލަރ މޯލްޑިވްސް ޢަމަލުކޮށްފައި ނުވާތީ، އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށް ނިންމާފައެވެ.

އޭސީސީން ވަނީ މި މައްސަލައިގެ އިތުރުންވެސް އެމްއެމްޕީއާރްސީއާއި ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާ ކުރައްވަމުންގެންދާކަމަށް ވިދާޅުވެފައެވެ.