ޚަބަރު

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ ޤާއިމުކުރުމުގެ ބިލު މަޖިލީހަށް


  • ރާއްޖޭގެ ކްރިޓިކަލް އިންފްރާންސްޓްރަކްޗަރގެ ދާއިރާތައް ކަނޑައަޅާނެ

  • ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައަޅާނެ

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ ގާއިމުކޮށް، ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ފަރާތުން ޚާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާޞިހުއެވެ. މި ބިލުގެ ދަށުން ސައިބަރ ސެކިއުރިޓީއާ ގުޅިގެން ޤައުމީ ފެންވަރުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައަޅާނެއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ އިދާރާގައި ހިމެނޭ އުމްރާނީ މުހިންމު ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ކަނޑައެޅުމެވެ. ދާޚިލީ އަދި ކްރޮސް ބޯޑަރ ސައިބަރ ސެކިއުރިޓީ ނުރައްކާތައް ދެނެގަނެ ސައިބަރ ސެކިއުރިޓީ އިންސިޑެންޓުތައް ހުއްޓުވޭނެ އަދި އެފަދަ ނުރައްކާތަކާއި އިންސިޑެންޓުތަކަށް ތައްޔާރުވެ، އިޖާބަދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ކަމާބެހޭ އުސޫލުތައް ބަޔާންކުރުމަކީވެސް މިބިލުގެ މަގުސަދެއް ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

މި ބިލުގެ ދަށުން ރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުުމާ ގުޅޭ ކަންކަން ރާވައި އިންތިޒާމުކުރުމަށްޓަކައި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ ޤާއިމުކޮށް އެ އެޖެންސީގެ މަސްއޫލިއްޔަތުތައް ކަނޑައަޅާނެއެވެ. އަދި ރާއްޖޭގެ ކްރިޓިކަލް އިންފްރާންސްޓްރަކްޗަރގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައަޅާނެއެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ސައިބަރ ސެކިއުރިޓީ ސްޓެންޑަރޑްތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާގޮތުގެމަތިން ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައްވެސް މި ބިލުގެ ދަށުން ކަނޑައެޅޭނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ މި ޤާނޫނުގެ ދަށުން އުފައްދާ ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ލަފާގެ މަތިން ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ. މި އެޖެންސީގެ ބޯޑުގައި ޗެއަރޕާސަނާއި ޗީފް އެގްޒެކެޓިވްއަކާއި 3 ޑިރެކްޓަރުން ހިމެނޭހެން 5 މެންބަރުން ތިއްބަވާނެއެވެ.

މިހާރުވެސް ދާޚިލީ ވުޒާރާގެ ދަށުން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ޑިޕާޓްމަންޓެއް އޮވެއެވެ. ނަމަވެސް މި ބިލު ފާސްވެ ތަސްދީގުކުރެއްވުމާއެކު ޤާނޫނީ ބާރު ލިބިގެންވާ މިނިވަން އިދާރާއަކަށް އެތަން ބަދަލުވެގެންދާނެއެވެ. ނަމަވެސް މި އެޖެންސީ ހިންގާނީ ދާޚިލީ ވުޒާރާގެ ދަށުންނެވެ.

ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ލައިސަންސް ނެތި ޚިދުމަތްދޭނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކްރިޓިކަލް އިންފްރާންސްޓްރަކްޗަރގެ ދާއިރާތަކާ ގުޅިގެން އެޖެންސީއަށް މައުލޫމާތު ފޯރުކޮށްދިނުމާއި އެ މައުލޫމާތު ފޯރުކޮށްނުދޭ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ދައުލަތުގެ އަދި އަމިއްލަ ދާއިރާގެ ހިމެނޭ ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗަރތަކާއި އެފަދަ ސިސްޓަމްތަކާ ގުޅިފައިވާ ނެޓްވަރކްތަކާއި ޚިދުމަތްތަކާއި އާލާތްތައް އަދި އެފަދަ ތަންތަން އޮޕަރޭޓް ކުރާ ފަރާތްތަކާއި އެފަދަ ސިސްޓަމްތަކާއި ނެޓްވަރކްތަކުގައި ރައްކާކުރެވޭނެ ނުވަތަ އެއިން ނަގާ ޑޭޓާގެ މައްޗަށް ޤާނޫނު ހިނގާނެއެވެ. އެހެން ނަމަވެސް ސަމާލީ ޚިދުމަތްތަކުގައި ހިމެނޭ ފަރާތްތަކާއި ސިސްޓަމްތަކަށް މި ޤާނޫނެއް ނުހިނގާނެއެވެ.