ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި އެކުވެރި ޢަރަބި ޢިމާރާތުން (ޔޫއޭއީ) ބައިވެރިވެ، އީރާންގެ ރަށަކަށް ސިއްރިޔާތުގައި ޙަމަލާތަކެއް އަމާޒުކޮށްފައިވާ ކަމުގައި މަޞްދަރުތަކުން ބުނެފިއެވެ. މި ކަން ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލުންނެވެ. އެމެރިކާއިން އިސްވެ ހަނގުރާމަ ފަަށައި، އިރުމަތީ އޭޝިޔާ ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓައިލާފައި ވަނީ ފެބުރުވަރީ 28 ގައެވެ. މި ހަނގުރާމައާއެކު ދުނިޔޭގެ އިޤުތިޞާދަށް ވެސް ވަނީ ލޮޅުންއަރާފައެވެ.
ޔޫއޭއީން ސިއްރިޔާތުގައި އީރާނަށް ޙަމަލާތަކެއް ދީފައި ވަނީ އެޕްރީލު މަހުގެ ތެރޭގައި ކަމުގައި، ޖަރނަލަށް މަޢުލޫމާތު ދީފައިވާ މަޞްދަރުތަކުން ބުންޏެވެ. އީރާންގެ ރަށެއް ކަމުގައިވާ ލަވާން އައިލެންޑްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ޔޫއޭއީގެ އަސްކަރިއްޔާއިން ޙަމަލާ ދީފައި ވަނީ، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ތެހްރާނާއި ވޮޝިންގޓަނުން ތައްޔާރުވަމުން ދިޔަ ދަނޑިވަޅުގައި ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
މި ޙަމަލާއާ ގުޅިގެން އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން ޔޫއޭއީއާއި ކުވަޔިތަށް ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުންކޮށްގެން ޙަމަލާ ދީފައެވެ. ޖަރނަލުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއަށް ޔޫއޭއީން ވަނުމުން އެމެރިކާއިން ވަނީ އެ ކަމަށް މަރުޙަބާ ކިޔައި، ހިތްވަރުދީފައެެވެ. ހަނގުރާމައިގެ ރައްދުގައި އީރާނުން ދީފައިވާ ރައްދު ޙަމަލާތަކުގެ ބޮޑު އިންސައްތައެއް އަމާޒުކޮށްފައި ވަނީ ޔަހޫދީ ދައުލަތަށެވެ. އަދި، ދެވަނައަށް އެންމެ ގިނައިން ޙަމަލާ ދީފައި ވަނީ ޔޫއޭއީއަށެވެ. މި ގޮތުން، މިސައިލާއި ޑްރޯން ބޭނުންކޮށްގެން ތެހްރާނުން 2,800 ފަހަރު ޔޫއޭއީއަށް ޙަމަލާދީފައި ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އީރާންގެ އިސްލާމީ އިންޤީލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ޙަމަލާތަކުގެ ސަބަބުން ޔޫއޭއީގެ އިޤުތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހުނު ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އަދި، މި ކަމުގެ ސަބަބުން ޔޫއޭއީގެ އިސްތިރާތީޖީ ސިޔާސަތުތަކަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމުގައި ވެސް އެ ފަރާތްތަކުން ބުންޏެވެ. މި ގޮތުން، ޔޫއޭއީން މިހާރު ޤަބޫލުކުރާ ގޮތުގައި، އީރާނަކީ އެ ޤައުމުގެ އިޤުތިޞާދާއި އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް މަސައްކަތް ކުރަމުންދާ ނުރައްކާތެރި ޤައުމެކެވެ.
އީރާނަށް އަމާޒުކޮށް ސިއްރިޔާތުގައި ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދިނުމަށް ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން އިންކާރު ކޮށްފައިވީ ނަމަވެސް، ދުޝްމަނުންގެ އަމަލުތަކަށް ރައްދު ދިނުމުގެ ޙައްޤު އަބޫދާބީއަށް ލިބިގެންވާ ކަމުގައި އެ ވުޒާރާއިން ކުރިން ބުނެފައިވެއެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ގަލްފް ޢަރަބި ޤައުމަކުން އެމެރިކާގެ ހަނގުރާމައިގައި ބައިވެރިވެ އީރާނަށް ޙަމަލާ ދިނުމަކީ މަސްރަޙު އިތުރަށް ގޯސްވެ، މެދުވެރިއެއްގެ ދައުރު އަދާކުރާ އެހެން ޢަރަބި ގައުމުތަކާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމުގައެވެ.