ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އިންޑިއާއަށް


  • މިއީ އިންޑީއާ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑީއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅަކީ އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އެކަމަނާ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ވަޒީރު އިރުތިޝާމް، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖަޔަޝަންކަރާއެކު ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް މުރާޖަޢާކޮށް، ދެ ފަރާތުގެ މަސްލަޙަތު ހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބިގެންދާނެ ފުރުޞަތެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީއާއި އެސިސްޓަންޓް ޑައިރެކްޓަރ އާމިނަތު ގުރައިޝާ ބައިވެރިވެވަޑައިގަންނަވައެވެ.