ޚަބަރު

ދެ ސަފީރަކަށް ރުހުން ދެއްވުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި


ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމަށް ސިވިލް ސާރވިސް ކޮމިޝަންގެ ނާއިބު ރައީސް ޖަމީލާ ޢަލީ ޚާލިދު އައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ފޮނުވުމަށް ރައްޔިތުން މަޖްލީހުން މިއަދު ފާސްކުރައްވައިފިއެވެ.

ރައްޔިތުން މަޖްލީހުގެ މިއަދުގެ ޖަލްސާގައި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަޤާމަށް ގ.ޕެންޒީމާގޭ އައިޝަތު ޝާން ޝާކިރު އައްޔަން ކުރެއްވުމުގެ މައްސަލަވެސް ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ފޮނުވުމަށް ނިންމަވާފައިވެއެވެ.

މީގެއިތުރުން ދިވެހި އެމްބަސީއެއް ޖަރުމަނުވިލާތުގައި ޤާއިމުކުރައްވާ އެތަން ފޮރިން މިނިސްޓްރީގެ ދަށުން ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ގެންނެވި ބަދަލުތަކާއި ގުޅޭ މައްސަލަވެސް ދިރާސާކުރެއްވުމަށް ކޮމެޓީއަށް ފޮނުވުމަށް މިއަދުގެ ޖަލްސާގައި ނިންމަވާފައިވެއެވެ.

ކުޑަކުދިންގެ ހިޔާގެ ބައެއްގެ ގޮތުގައި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މަރުކަޒު ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވާ ވަކި މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވާ ޖެންޑަރ މިނިސްޓްރީ މަސައްކަތްތަކަށް ގެންނެވި ބަދަލުތަކުގެ މައްސަލަވެސް ކޮމެޓީއަށް ފޮނުވުމަށް ނިންމަވާފައިވެއެވެ. މީގެއިތުރުން  ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދެވި ކުޑަކުދިންނަށް ތަޢުލީމާއި މަސައްކަތް އުގަންނައިދޭ މަރުކަޒު ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވި މައްސަލަވެސް ދިރާސާކުރެއްވުމަށް ކޮމެޓީއަށް ފޮނުވުމަށް މިއަދު މަޖްލީހުން ނިންމަވާފައިވެއެވެ.