ޚަބަރު

ޤައުމީ ޖޫނިއަރ ޓީ20 މުބާރާތުގައި މަދޮށިން 2ވަނަ މޮޅު ހޯދައިފި


  • މިއަދުގެ މެޗުގައި ވާދަކުރާނީ ކާނި އަދި ހެލެނބެލި

  • މުބާރާތުގެ ކުޅުން ކުރިއަށްދަނީ މެންދުރުފަހު 01:30 އިން 05:00 އަށް މާފަންނު ކުޅިވަރު އެކުވެނީ ދަނޑުގައި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނެޝަނަލް ޖޫނިއަރ ޓީ20 ޗެންޕިއަންޝިޕްގައި މަދޮށިން ދެވަނަ މޮޅު ހޯދައިފިއެވެ.

މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ތިންވަނަ މެޗު މަދޮށިން ކާމިޔާބުކުރީ ޓީމް ފުނަ ބަލިކޮށްގެންނެވެ.

މިމެޗުގެ ގުރު ދިމާވެގެން ޓީމް ފުނައިން ގަސްތުކުރީ ކުޅެން އަރާށެވެ. އެޓީމުން ކުޅެން އަރާ 7.4 އޯވަރުގެ ތެރޭގައި ހެދުނީ 39 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 7 ލަނޑު ހެދި ޑޭވާ ރޮޖާ ސްވިކްއެވެ.

ޖަވާބުގައި މަދޮށިން ކުޅެން އަރާ 6.4 އޯވަރުގެ ތެރޭގައި 40 ލަނޑު ހަދާ މެޗުވަނީ ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ބޯޅައިން 9 ލަނޑު ހެދި މުހަންމަދު ޖޫދް އަހްމަދު މަންސޫރެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަދޮށި ޓީމުގެ ޔޫސުފް ޖައުދާން އަހްމަދު މަންސޫރެވެ. އޭނާވަނީ 2 އޯވަރުގެ ތެރޭގައި 3 ވިކެޓް ނަގާފައެވެ.
މިމުބާރާތުގައި ވާދަކުރަނީ ޖުމްލަ 4 ޓީމުންނެވެ. އެއީ ހެލެނބެލި، ފުނަ، މަދޮށި އަދި ކާނި ޓީމެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާގޮތަށް ކުރިއަށްގެންދާ މިމުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 16 އަދި 17 އަށެވެ. 18 ވަނަ ދުވަހު ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭގެ އެއް ދުވަސް ފަހުން މިމަހުގެ 20 ވަނަ ދުވަހުއެވެ.

ޤައުމީ ޖޫނިއަރ ޓީ 20 ޗެންޕިއަންޝިޕުގެ ހަތަރުވަނަ މެޗުގައި މިއަދު ވާދަކުރާނީ ކާނި އަދި ހެލެނބެއްޔެވެ.