ޚަބަރު

"އިޤްތިޞާދު ކުރިއެރުވޭނީ އެންމެން އެއްބަހެއް ކިޔައިގެން"


ސިޔާސީ ގޮތުން ފިކުރު ތަފާތުވިނަމަވެސް ޤައުމުގެ އިގްތިސާދު ކުރިއެރުވޭނީ ހުރިހާ ފަރާތްތައް އެއްބަހެއް ކިޔައިގެން ކުރެވޭ މަސައްކަތުން ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްޑޫ ބިޒްނަސް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވަނީ މި ޑައިލޮގަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ޑައިލޮގެއް ކަމަށް ވިދާޅުވެފައެވެ.

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އިގްތިސާދީ އަދި ތަރައްގީގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅުއްވައިގެން ނަމަވެސް ހަލުވިކަމާއެކު މަސައްކަތް ކުރިއަށްގެންދިއުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަކީ މި މަސައްކަތުގެ ފެށުން ކަމަށާއި ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ފަރާތްތަކަށް ފެންނަ ކަންކަން ހާމަކޮށް ކަރުދާހެއް އެކުލަވާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޑައިލޮގުން އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން އެކުލަވާލާ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އައްޑުއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެހެންވެ މި ޚިޔާލުތައް ހުށަހެޅުމުގައި ޑައިލޮގްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅައި މަޝްވަރާތައް ކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

"އައްޑޫގެ އެކްސަލަރޭޓަޑް މަސައްކަތެއް މި މަސައްކަތަކީ. އައްޑޫ 2027، 28، 29، އައްޑޫގަ ކުރާނެ ކަންތައްތަކެއް. އައްޑޫގެ ރައްޔިތުން، އައްޑޫގެ ވިޔަފާރިވެރިންގެ ހިތްޕުޅުގައި އެބޭފުޅުންނަށް އެނގޭނެ އައްޑުއަށް ދިމާވާ ދަތިތައް. ހުރި ދަތިތައް. ގޮންޖެހުންތައް. ހުރަސްތައް. އެ ހުރަސްތައް، ދަތިތައް، ގޮންޖެހުންތައް އޯވަކަމްކޮށްފައި ކުރިއަށްދެވޭނެ ގޮތްތަކަކީ މިހިރަ ފެންނަނީއޭ. ސަރުކާރުންމިކަންކަން ކޮށްދޭށޭ. ނުވަތަަ ސަރުކާރުން މިކަންކަން ކޮށްދިނީމަ ތިމަންނަމެނަށް ތިމަންނަމެންގެ ސްޕީޑުގައި ކުރިއަށްދެވޭނެއޭ. މި ވިސްނުން އަޅުގަނޑުމެން ބޭނުންވަނީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވިޔަފާރިވެރިންގެ ތެރޭގައި ސަރުކާރާ ސިޔާސީ ގޮތުން ފިކުރު ތަފާތު ފަރާތްތައް ތިބޭނެކަން ފާހަގަކުރައްވައި ވަޒީރު ސަޢީދު ވިދާޅުވީ ފިކުރު ތަފާތުވި ނަމަވެސް ހުރިހާ ފަރާތްތަކުންވެސް އިގްތިސާދީ ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށެވެ. އަދި މަޝްވަރާގެ މަގުން ކުރެވޭ ކަންކަން ކާމިޔާބުވާނެކަން އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ހާމަވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

"އެކަށީގެންވާ ލޭންޑް، އެކަށީގެންވާ ލޭބަރ، އެކަށީގެންވާ ފައިސާ ލިބިގެން މިކަންކަން ކުރެވޭނީ. އެއީ ކުރެވޭނެ ގޮތްކަން އަޅުގަނޑުމެން އެންމެނަށްވެސް ޤަބޫލުކުރެވޭ. އެކަމަކު މިކަންކަން ފެސިލިޓޭޓް ކުރުމުގައި ސަރުކާރަށް އެކަންޏެއް އަޅުގަނޑަަކަށް ހިޔެއް ނުވޭ މިކަންކަން ކުރެވޭނެހެނެއް. މިކަންކަން ކުރުމުގައި ސިޓީ ކައުންސިލްވެސް މުހިންމުވާނެ. ކައުންސިލަރސްގެ އިމްޕުޓްވެސް މުހިންމުވާނެ. މުވައްސަސާތަކުގެ އިންޕުޓްވެސް މުހިންމުވާނެ. އަދި ވިޔަފާރިވެރިންގެ އިމްޕުޓްސްވެސް މުހިންމުވާނެ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިގްތިސާދީ ތަރައްގީއާބެހޭ ވަޒީރު ވިދާޅުވީ އައްޑޫގައި ކުރިއަށްގެންދެވޭ މަޝްރޫއަކީ ސަރުކާރުން 2040ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށްގެންދެވޭ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ.