މާލެ ޓެކްސީލައިން ތައާރަފް ކުރިފަހުން މިހާތަނަށް 13000އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ.
އެމްޓީސީސީއިން ވަނީ މާލެ ޓެކްސީލައިން ތައާރަފްކޮށް ހިދުމަތް ދޭން ފެށިފަހުން މިހާތަނައް ކޮށްފައިވާ ދަތުރުތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން އޭޕްރީލް މަހުގެ 18 އިން 9 މޭއާއި ހަމައަށް ޖުމްލަ މިހާތަނައް 13073 ދަތުރު ވަނީ ކޮށްފައިއެވެ. މީގެ ތެރޭގައި ހިމެނެނެނީ މާލެ އަށް ކުރި 9395 ދަތުރާއި ވީއައިއޭއަށް ކުރި 429 ދަތުރާއި ހުޅުމާލެ ފޭސް 1އަށް ކުރި 1966 ދަތުރުގެ އިތުރުން ހުޅުމާލެ ފޭސް 2އަށް ކުރި 1283 ދަތުރުއެވެ.
މި ދަތުރުތަކުގައި ޖުމްލަ 9550 ކަސްޓަމަރުން ވަނީ ދަތުރުކޮށްފައިކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.
ޓެކްސީ ލައިންގެ ޚިދުމަތް މިހާރު ރަސްމީކޮށް ފަށާފައިވާއިރު، މި ޚިދުމަތަށް ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.
މި ޚިދުމަތް ދިނުމަށް ތިމާވެއްޓާއި ރައްޓެހި 150 އިލެކްޓްރިކް ކާރު ވަނީ މާލެ ގެނެސްފައެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ގެެނެސްފައިވަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ. މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މިދިޔަ އެޕްރީލްމަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އެމްޓީސީސީން ވިދާޅުވީ، ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭއިރު، ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ދަތުރުތައް ކުރަމުންދާނެ ކަމަށެވެ.