ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށް ގެންދާ ރީޖަން ލީގުތަކުގެ ތެރެއިން މިހާރު އަތޮޅުތަކުގައި ކުރިޔަށްދާ ފުޓްބޯޅަ ރީޖަން ލީގުތަކުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެއްލައްކަ ވިހި ހާސް ރުފިޔަ ދިނުމަށް ނިންމައިފިއެވެ.
އެފްއޭއެމުން ބުނީ، ނޯތު ރީޖަން ލީގު، ސެންޓްރަލް ރީޖަން ލީގު، އަދި ސައުތު ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ފީފާގެ އެހީތެރިކަމާއެކު ދިނުމަށް ނިންމާފައިވާ 90،000 (ނުވަދިހަ ހާސް) ރުފިޔާގެ އިތުރުން 30،000 ހާސް ރުފިޔާ ދިނުމަށް އެފްއޭއެފްމެ ހިންގާ ކޮމިޓީން ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ.
ފީފާގެ އެހީގައިދޭ ފައިސާގެ އިތުރުން ކޮންމެ ޓީމަކަށް ދޭ 30،000 ރުފިޔާއަކީ ދަތުރުފަތުރުގެ ޙަރަދު ބޮޑުވުމުގެ ސަބަބުން ކޮންމެ ޓީމަކަށް ދޭ ފައިސާ ކަމަށް އެފްއޭއެމުން ބުނެއެވެ.
ކޮންމެ ރީޖަނެއްގައި ޒޯން ޗެމްޕިއަނުންނާއެކު 4 ޓީމު ވާދަކުރެއެވެ. އެހެންކަމުން ތިން ޒޯނުގައި ވާދަކުރާ ޖުމްލަ 12 ޓީމަށް މި ފައިސާ ލިބޭނެ އިންތިޒާމު އެފްއޭއެމުން ހަމަޖައްސައިދޭނެއެވެ. އެފްއޭއެމުން ބުނީ ރީޖަން ލީގުތަކުގެ ޓީމުތަކުގެ ދަތުރުފަތުރަށް އެއްމިލިއަން ހަތަރު ލައްކަ ސާޅީސް ހާސް ރުފިޔާ ހަރަދުވާކަމަށެވެ.
ރީޖަން ލީގުތަކަކީ އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތެރޭގެ ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް ހަމަޖެއްސުމާއި އެކު ފްރިމިއާ ލީގުގެ ޕްލޭ އޮފަށް ކޮލިފައިވާ ޓީމުތަކެއް ކަނޑައެޅުމަށް ބާއްވާ މުބާރާތެވެ. މިއީ މާލޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއެކު ޕްރިމިއާ ލީގުން ފުރުސަތު ދޭނެ ޓީމެއް ކަނޑައެޅުމަށް ކުރިޔަށް ގެންދާ މުބާރާތްތަކެކެވެ.