ރާއްޖެ އާއި އިންޑިޔާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު މިޔުޝް ގޯޔާލްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ޚާރިޖީ ވަޒީރު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާން ދަތުރުފުޅުގެ ތެރެއިންނެވެ.
ބައްދަލުވުން ނިންމާލުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އަވަސްކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖެ-އިންޑިއާ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ ކުރިއަށް ގެންދިއުމަށާއި، ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމުގެ ނިޒާމު ތަރައްގީކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
Reaffirmed the strong and special partnership between the Maldives and India as we observe the 60 years of diplomatic relations at my meeting with the Minister of Commerce and Industry of India, @PiyushGoyal this evening.
— Iruthisham Adam ( Iru) (@IruthishamAdam) May 13, 2026
We agreed to fast track the negotiations between the… pic.twitter.com/FpyW21MXKl
މީގެ އިތުރުން، މި ބައްދަލުވުމުގައި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާއިރު، ރާއްޖެ-އިންޑިއާ ވިޔަފާރި ކުރިއެރުވުމަށާއި ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސްއަށް ދެ ގައުމުން އެއްބަސްވީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ. ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރް އަކީ ފުރިހަމަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ.
އާންމު ގޮތެއްގައި މިފަދަ އެއްބަސްވުމެއްގެ ދަށުން ގިނަ ބާވަތްތަކެއްގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ނުވަތަ އުނިކުރުން ހިމެނެއެވެ. މީގެ އިތުރުން، ހިދުމަތްތަކުގެ ވިޔަފާރި ފަސޭހަކުރުމާއި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް ފިޔަވަޅުތައް އެޅިގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، އިގްތިސާދީ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.