އަތޮޅުތެރޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ކުޅިވަރު ފުޓްސަލް އަށް ރަސްމީ ހައިސިއްޔަތެއް ހޯދައިދީ، ފުޓްބޯޅަ އިދާރާއިން މުޅިން އަލަށް ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމްގެ އަހަރީ ކަލަންޑަރުގައި ފުރަތަމަ ފަހަރަށް ފުޓްސަލް ހިމަނާފައިވާއިރު އެންމެ ފުރަތަމަ ބާއްވާ އަތޮޅު ފުޓްސަލް މުބާރާތް އިއްޔެ ވަނީ އިއުލާނުކޮށްފައެވެ. އަދި އަންނަ ޖޫންމަހުގެ 14 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކޮންމެ އަތޮޅަކުންވެސް އެއް ޓީމަށް ވާދަކުރެވޭ ގޮތަށް ކުރިޔަށް ގެންދަން ނިންމާފައިވާ އަތޮޅު ފުޓްސަލް މުބާރާތުގައި 20 އަތޮޅުން ބައިވެރިވާ ޓީމުތަކުގެ އަދަދުތައް ކަށަވަރުވުމުން މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅާނީ އެފްއޭއެމުންނެވެ.
މާލޭގައި މި މުބާރާތުގައި ވާދަކުރެވޭނީ ކޮންމެ އަވަށަކުން ޓީމަކަށެވެ. މާލޭގެ އަވަށްތަކުގެ އިތުރުން ހުޅުމާލެ ފޭސް 1 ގެ ޓީމަކާއި ފޭސް 2 ގެ ޓީމަކަށް މުބާރާތުގައި ބައިވެރިވެވޭނެވެ. އަދި ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމާއި، ރަނަރަޕް ޓީމު ޒޯން ފުޓްސަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އެފްއޭއެމުން ބުނީ އަތޮޅު ބުރު ނިމުމާއެކު، ޒޯން ފުޓްސަލް މުބާރާތް ފަށާނެ ކަމަށާއި، އެހެންނަމަވެސް ސީދާ ތާރީހެއް އަދި ކަނޑައަޅާފައި ނުވާކަމަށެވެ.
އެފްއޭއެމުން ބުނީ އަތޮޅު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރަށްތަކުގެ ޓީމުތަކަށް ކުޅޭ ދިވެހި ކުންތެރިންނަށް ވާންޖެހޭނީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށް ކަމަށެވެ. ކޮންމެ ރަށެއްގައި ޓީމުގައިވެސް ބިދޭސީ އެއް ކުޅުންތެރިއަކުން ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ.
އަދި އަތޮޅު މުބާރާތުން ޒޯން/ރީޖަނަލް މުބާރާތަށް ކޮލިފައިވާ ޓީމުތަކުން އަލުން ޓީމު ލިސްޓު ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. އެ ލިސްޓުގައި ބިދޭސީ އެއް ކުޅުންތެރިއަކު އަދި ރަށުން ބޭރު ދިވެހި އެއް ކުޅުންތެރިއަކު ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 7000 ރުފިޔާކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ. ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕް އޮންނާނެ ތާރީހެއްވެސް އަދި އެފްއޭއެމުން އިއުލާނުކޮށްފައެއް ނުވެއެވެ.
ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕް ނިމުމާއެކު ފުޓްސަލްގެ އެންމެ މަތީ ފަންތީގެ މުބާރާތް ނުވަތަ ގައުމީ މުބާރާތް ބާއްވާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ފުޓްސަލް މުބާރާތަށް ވާނެއެވެ.