ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ނަގައި، ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ޤަބޫލުކުރާ ފަލްސަފާއަކީ ޑިމޮކްރަސީގެ ރިވެތި މިސާލުން ޤައުމުގެ ކަންކަން ގެންދިޔުންކަމަށެވެ. އެގޮތުން ފާއިތުވި 2 އަހަރާއި ބައިގެ ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމްކޮށް މި ޤައުމު ވެއްޓިގައި އޮތް އިޤްތިސާދީ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރީ ޤައުމީ ވިސްނުމުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިނގަން ތިބިއިރު މި ޤައުމުގެ އިޤްތިޞާދު އޮތީ ހީނަރުވެފައިކަމަށާއި، އެހެންކަމުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަށާޖެހޭ އިޤްތިސާދީ ސިޔާސަތެއް ތަންފީޒުކޮށްފައިވާނެކަމަށެވެ. އެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން މީގެކުރިން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކާ ހަލާސްކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ވާނީ ދައްކާފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިދިޔަ 40 އަކަށް ދުވަސް ތެރޭގައި 974 މިލިޔަން ދެއްކުމުގެ ބުރަ މަސައްކަތް ކުރީ ޤައުމުގެ މުސްތަޤްބަލަށްޓަކައި. މި ހަޤީގަތް ބަދަލެއް ނުވާނެ. އެކަން އެގޮތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ކޮންމެ ރައްޔިތެއްގެ ބޮލަށް އޭގެ ކުރިން ޖައްސާފައި އޮތް ދަރަނި އެތައް ތަނެއް ވަނީ ލުއިވެގެން ގޮސްފައި. އަންނަން އޮތް ޖީލުތަކަށްޓަކައި ޤައުމު މިދަނީ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވެމުން . އެއީ ދިވެހިންގެ ރާއްޖޭގެ ޤެނައުމަށްޓަކައި ވީ ވައުދުތެރޭގައި ހިމެނޭ އެންމެ މުހިންމު ކަންތައް. އިޤްތިސޯދު ނަގާއި ކޮޅައް ޖެހުން. އިޤްތިސޯދު ނަގާއި ކޮޅައް ޖެހުމަށް ކުރާ މަސައްކަތް ދަނީ ކާމިޔާބު ވަމުން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުންކަމަށެވެ. އެގޮތުން ކޮންމެ ރައްޔިތަކަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ކޮންމެ ރައްޔިތެއްގެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއް ދަނީ ތަންފީޒު ކުރަމުންކަމަށެވެ. އެ މަސައްކަތް އެއީ ވަރަށް ރޭވުންތެރިކަމާއެކު ކުރަމުންދާ މަސައްކަތެއްކަން ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ކުރައްވަމުން ގެންދަވާ އިޤްތިޞާދީ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުން ބޭނުންވާފަދަ އުފާފާގަތި ދުވަސްތަކެއް ލިބުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.