ޚަބަރު

އިއްޔެ ކުޅުނު މެޗުތައް އެއްވަރުވެ، ހަތަރު ޓީމެއް ދެވަނަ ބުރަށް


  • ދެވަނަ ދިއައީ މަޖީދިއްޔާ ސްކޫލް އަދި ރެހެންދި ސްކޫލް

  • ދެވަނަ ބުރުގެ ޖާގައެއް އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލުން ވަނީ ހޯދާފަ

"ރާއްޖެ ޖޫނިއަރ" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ދެމެޗުވެސް އެއްވަރުވެ، މަޖީދިއްޔާ، ރެހެންދި، އިސްކަންދަރު އަދި ދަރުމަވަންތަ ސްކޫލް، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އިއްޔެ ކުޅުނު ދެ މެޗުވެސް އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާ މިމެޗުގައި، 24 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް، ލީޑު ނަގާފައިވަނީ އަމީނިއްޔާ ސްކޫލުންނެވެ. މިމެޗުގައި، ދެޓީމުގެ ފަރާތުންވެސް ރީތި ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މަޖީދިއްޔާ ސްކޫލުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 54 ވަނަ މިނެޓުގައެވެ.

މި ނަތީޖާއާއެކު، ގުރޫޕް ހަތަރަކުން ދެވަނަ ބުރަށް ގޮސްފައިވަނީ 7 ޕޮއިންޓާއެކު މަޖީދިއްޔާ ސްކޫލް އަދި 6 ޕޮއިންޓާއެކު ރެހެންދި ސްކޫލެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. މިމެޗުގައި ފެނިގެންދިޔަ ދެގޯލުވެސް ފެނިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ 4 ވަނަ މިނެޓުގައި ގޯލުޖަހައި ލީޑުނެގީ ދަރުމަވަންތަ ސްކޫލުންނެވެ. އިސްކަންދަރު ސްކޫލުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ލިބުނު ހިލޭޖެހުމަކުން އޭގެ 10 މިނެޓު ފަހުން، މެޗުގެ 14 ވަނަ މިނެޓުގައެވެ.

މިއާއެކު، ގުރޫޕް ފަހަކުން ދެވަނަ ގޮސްފައިވަނީ އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. މިދެޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ.