އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދިޔަ ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ޤައުމުތަކުން އެކުގައި ބަޔާނެއް ނުނެރެ ނިންމާލައިފިއެވެ.
ބައްދަލުވުމުގެ ތެރޭގައި ޤައުމުތަކުގެ މެދުގައި ޚިޔާލު ތަފާތުވެ، މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް ނާދެވުމުން ބައްދަލުވުގެ މުޤައްރިރުގެ ޙައިޞިއްޔަތުން އިންޑިޔާއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވުނު ކަންތައްތަކާއި، ދެކޭ ގޮތް ޚުލާސާކޮށްދީފައިވެއެވެ. ބައިނަލްްއަޤްވާމީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ބްރިކްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.
ޤައުމުތަކުގެ މެދުގައި މައިގަނޑު ގޮތެއްގައި ދެބަސްވުން އޮތީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުންނެވެ. ދެބަސްވުންތައް އޮތް ނަމަވެސް، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލު ކުރުމަށް ޞުލްޙަވެރިކަމާއި މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމުގެ މުހިންމުކަން ބަޔާނުގައި ފާހަގަކޮށްަފައިވެއެވެ.
ޣައްޒާއާ ގުޅޭގޮތުން ބަޔާނުގައި ބުނީ ޣައްޒާއަކީ ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިމެއް ކަމަށާއި ފަލަސްޠީނާއި ޣައްޒާ ވަކިނުކުރެވޭނެ ކަމަށް ޤައުމުތަކުން އެއްބަސްވާ ކަމަށެވެ. އަދި ޕަލެސްޓީނިއަން އޮތޯރިޓީ، ޕީއޭގެ ދަށަށް ހުޅަނގު އައްސޭރިއާއި ޣައްޒާ ގެނައުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮތުމުގެ ސިޔާސަތަށް ތާއީދު ކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބްެރިކްސްއަކީ އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން އެއްބާރުލުން ދިނުމަށް 2009ވަނަ އަހަރު ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ ބައެއް އިޤްތިޞާދުތަކުން އުފައްދާފައިވާ ޖަމްޢިއްޔާއެވެ. އެ ޖަމްޢިއްޔާ ފުރަތަމަ އުފެދުނުއިރު މެންބަރު ޤައުމުތަކުގެ ގޮތުގައި ހިމެނެނީ ބްރެޒިލާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާއެވެ. ބްރިކްސްއަކީ އެ ޖަމްޢިއްޔާގައި އޭރު ބައިވެރިވި ފަސް ޤައުމުގެ އިނގިރޭސި ނަމުގެ ފެށޭ އަކުރު ހިމަނައިގެން އުފައްދާފައިވާ ނަމެކެވެ. އޭގެ ފަހުން މިޞްރާއި އިތިއޯޕިޔާއާއި އީރާނާއި އެކުވެރި ޢަރަބި ޢިމާރާތް, ޔޫއޭއީން ވެސް ވަނީ އެ ޖަމްޢިއްޔާއާ ގުޅިފައެވެ.