އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ، މި ބައްދަލުވުން ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާއި އަދި އެބާވަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.
މި މަހުގެ 4އިން 15އަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދިޔަ އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކާއި، މި ސަރަހައްދުގައި މަސްވެރިކަން ކުރާ އެހެނިހެން ޤައުމުތަކާއި ކަމާ ގުޅުންހުރި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ފަރާތުން 225 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.
މީގެ ތެރޭގައި ކޮމިޝަނުގެ 29 މެންބަރު ޤައުމަކާއި، ކޮމިޝަނާ ގުޅިގެން މަސައްކަތްކުރާ 2 ޤައުމަކާއި، އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ 2ޤައުމުގެ އިތުރުން، ހިލޭ ސާބަހަށް މަސައްކަތް ކުރާ 26 ޖަމްއިއްޔާ ހިމެނެއެވެ.
މިފަހަރުގެ ބައްދަލުވުމުގައި ޖުމްލަ 7 ޤަރާރެއް ފާސްކޮށްފައިވެއެވެ. މިގޮތުން، މި ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތިން ޤަރާރެއް ހުށަހަޅައި، އެ ޤަރާރުތައް ވަނީ ކާމިޔާބުކަމާއެކު ފާސްކޮށްފައެވެ. އެއީ މަޑި (މޮބިޔުލިޑް) އާއިލާގެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭ ޤަރާރަކާއި، މަސްވެރިކަމުގެ ތަފާސްހިސާބުތައް ހުށަހެޅުމުގެ ކަންކަން ހަރުދަނާކުރުމާ ބެހޭ ޤަރާރެއްގެ އިތުރުން، ބީބީއެންޖޭ މުއާހަދާއާ ގުޅިގެން މަސައްކަތް ކުރުމަށް މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން އަމަލުކުރުން ލާޒިމުކުރާ ޤަރާރަކަށް ބަދަލުކުރުމާ ގުޅޭ ޤަރާރެކެވެ.
މީގެ އިތުރުން، ރީނދޫއުރަހަ ކަންނެއްޔާއި ތުންގަނޑު ހިބަރު އެކި ޤައުމުތަކަށް ބޭނޭނެ މިންވަރު ކަނޑައަޅައި، އެކަން ތަންފީޒު ކުރުމަށްޓަކައި އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ބަޔާންކޮށްފައިވާ ދެ ޤަރާރެއް ފާސްކުރުމުގައިވެސް ދިވެހިރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ދިވެހި ދައުލަތުން އިސްނަގައިގެން މި ބައްދަލުވުން ދިވެހި ރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، އިންޑިއާ ކަނޑުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގައި ސައިންޓިފިކް ހޯދުންތަކާއި، ދެމެހެއްޓެނިވި އަދި ހަމަހަމަ އުސޫލުތަކުގެ މައްޗަށް ބިނާކޮން މަސްވެރިކަން މެނޭޖްކުރުމުގެ ކަންކަން ހިންގުމަށް ދިވެހި ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދިން ކަމެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އައިއޯޓީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވިގެން މިދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން، އައިއޯޓީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް ކުރާނެ ފައިދާގެ އިތުރުން މިކަމުގެ މުހިންމު ކަމުން ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ސަރުކާރުން ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވިކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ބައްދަލުވުން އިންތިޒާމުކޮށް، ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް، ވަކިން ޚާއްސަކޮށް އެމްއެސްޕީއީއޭ، އެމްޓީސީސީ، އެމްފޯރމްޕީސީ އަދި އެޗްޑީސީއަށް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.