ޚަބަރު

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުން ޖޫން 13ގައި


  • އިތުރުބުރެއް ބާއްވަނީ ކޯޓު އަމުރާއެކު ދެ ކެންޑިޑޭޓުން އެއްވަރުވުމުން

  • ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00އިން ހަވީރު 4:00އަށް

މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 13ގައި ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ހައިކޯޓުގެ ހުކުމަކާއެކު ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާގައި ދެ ކެންޑިޑޭޓަކު އެއްވަރުވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ.މީދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާ ގުޅިގެން އެރަށު ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެ އިންތިޚާބުގެ އިތުރު ބުރެއް އަންނަ މަހުގެ 13ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ދ. މީދޫ / ދިލްޝާދުގެ، ސުހާ އިބްރާހީމްއާއި، އެމްޑީއޭގެ ކެންޑިޑޭޓް، ދ. މީދޫ / މުޝްތަރީވިލާ، މުޙައްމަދު ޝާހިދެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގެ ދ.މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރު ބުރުގެ ވޯޓު ނެގުން އޮންނާނީ، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސްއިން ވިދާޅުވިއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޖޫން 14ގައި އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދ.މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓު ނެގުމާ ގުޅޭގޮތުން ޝަކުވާ ނުވަތަ މައްސަލަތަކާ ގުޅިގެން "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" އިން [email protected] އަށް ހުށަހެޅޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.