ރެލިގޭޝަނާ ހަނގުރާމަކުރަމުންދާ ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗުގެ މަގާމުން އަލީ ނިސްތާރު މުޙައްމަދު ވަކިވެއްޖެއެވެ.
މިކަން ހާމަކޮށް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ނިސްތާރު ވަނީ، އޭނައާ ނުލާވެސް، ގްރީން ސްޓްރީޓްސްއަށް ކާމިޔާބީއަށް އެދޭކަމަށް ބުނެފައެވެ.
އަދި ގްރީންގެ ކުޅުންތެރިންނަކީ ވަރަށް ޙާއްސަ ބައެއް ކަމަށާއި ޓީމުގެ ފަހަތުގައި ތިބި ޓީމުގެ މެނޭޖްމަންޓަކީ ވެސް އޭނާއަށް ވަރަށް ޙާއްސަ ބައެއްކަމަށް ނިސްތާރުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެއް ކުލަބެއްގައި އެހާ ގިނަ ދުވަހު ކޯޗެއްގެ ގޮތުގައި ހުރުން އެއީ ރާއްޖޭގައި އެހާ އާންމުކަމެއްކަމަށް ނުވާއިރު، ގްރީންއާއެކު ދިގު މުއްދަތެއް ހޭދަކޮށް، ކުރެވުނު ދަތުރަށް ޝުކުރުވެރިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ނިސްތާރު ވަނީ، އޭނާގެ ކޯޗު ކަމުގެ ދަށުގައި ގްރީން އިން ދިވެހި ލީގުގެ ތިންވަނައާއި ހަތަރުވަނަ ހޯދިކަން އަދި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ތިންވަނަ ވެސް ހޯދިކަން ފާހަގަކޮށްފައެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ބާރުތައް ކުރިމަތީގައި ގްރީންއިން ފަސްނުޖެހި އަބަދުވެސް ކުރިމަތިލިކަމަށާއި ގްރީންއާމެދު ދެކެވެނީ އާއިލާއެއްގެ ގޮތުގައިކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ކަން މިހެން އޮތްނަމަވެސް މިއަދު ގްރީންއާ ދުރަށް ޖެހިލާއިރު މިއީ އޭނާއަށް ނުހަނު ހިތާމަ ގެނުވާ ކަމެއްކަމަށާއި، ގްރީން ސްޓްރީޓްސްގައި އެންމެން ވެގެން ބިނާކުރެވުނު ކަންކަމާ މެދު ފަހުރުވެރިވެ، އެ ހަނދާން އަބަދުވެސް އައުކުރާނެކަމަށާއި، އަބަދުވެސް އެދެނީ "ގްރީން ޑްރެގަންސް" އަށް ކާމިޔާބީ ލިބުންކަމަށް ނިސްތާރުގެ ޕޯސްޓު ނިންމާލަމުން ބުނެފައިވެއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ގްރީންގެ ކޯޗުކަމުން ނިސްތާރު ވަކިވެފައި މިވަނީ އެ މަގާމު ފުރާތާ ހަ އަހަރު ފަހުންނެވެ. އެ ޓީމުގެ ކޯޗުކަމާ ނިސްތާރު ހަވާލުވީ 2020 ވަނަ އަހަރުއެވެ. އެއީ ޓީމުގެ ކޯޗުކަމުން އަލީ ސުޒެއިން ވަކިވުމާ ގުޅިގެންނެވެ.
ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމުގައި ވެސް ބިނާކުރަނިވި މަސައްކަތްތަކެއް ކުރި ނިސްތާރުގެ އިރުޝާދުގެ ދަށުން ކުޅެމުން އައި ގްރީން އިން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ އަށްވަނައިގައި އޮވެގެންނެވެ. މިއާއެކު ގްރީން އަށް ވަނީ ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހިފައެވެ.