ޚަބަރު

ސުޕްރީމްކޯޓު ގައިޑްލައިންގެ ސަބަބުން ހުރަހެއްނެތް -އެޗްއާރީސީއެމް


ސުޕްރީމް ކޯޓުން އެކުލަވާލެއްވި ގައިޑްލައިންގެ ސަބަބުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ މަސައްކަތްތަކަށް ހުރަސް އެޅޭކަމަށް ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން ދޮގުކުރައްވައިފިއެވެ.

އެޗްއާރީސީއެމުން މިކަން ހާމަކުރައްވާފައިމިވަނީ އެ ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު ތޮލާލާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު ޖީހާން މަހްމޫދު އ.ދ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅުއްވި މައްސަލައާއި ގުޅިގެންނެވެ. މި ދެ ބޭފުޅުން އ.ދ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ ސްޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖޫން މަހު ނެރުއްވި ގައިޑް ލައިންގެ ސަބަބުން ރާއްޖޭގެ އިންސާނީ ހައްޤުތަކާއި ގުޅޭ މަޢުލޫމާތުތައް ބޭރުގެ ފަރާތަކަށް ދިނުމަށް އެޗްއާރުސީއެމް ނުކުޅެދިފައިވާ ކަމަށެވެ. އަދި މަޢުލޫމާތު ހިއްސާކުރުމުން ފިޔަވަޅު އަޅާކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ. އެޗްއާރިސީއެމުން ރޭ ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓްގެ ގައިޑް ލައިންގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތަކަށް ދަތިތަކެއް ދިމާވީ އޭރުގެ ކޮމިޝަނުން އެ ގައިޑްލައިން ވަކިގޮތަކަށް މާނަކުރެއްވުމުން ކަމަށެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓްގެ 11 ނުކުތާގެ ގައިޑްލައިން މާނަކުރުމަށް މިއަހަރުގެ މެދުތެރޭ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި އެކު އެކޮމިޝަނުން ބައްދަލުވުމެއް ބޭއްވެވިކަން އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުމަށްފަހު ސްޕްރީމް ކޯޓްގެ ގައިޑް ލައިންގެ ސަބަބުން ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށާއި މިނިވަންކަމާ މުސްތަޤިއްލުކަމާއިއެކު، ޤާނޫނު އަސާސީއާއި ކޮމިޝަންގެ ޤާނޫނާއި ދިވެހި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން ކޮމިޝަނާއި މަތިކުރުވާފައިވާ މަސްއޫލިއްޔަތުތައް ޒީންމާދާރުކަމާއި މިނިވަންކަމާއި އެކު ކުރިޔަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ހިއުމަން ރައިޓް ކޮމިޝަންގެ ބަޔާނުގައިވެއެވެ. އަދި އ.ދ އާއި އެކި ފަރާތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކުގެ މަޢުލޫމާތުތައް ފޮނުވުމުގައި އިތުރު އެހެން ފަރާތެއް ބައިވެރިކޮށް ނުވަތަ އެހެން ފަރާތަކުން މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކުރިން ކުރަމުންއައި މަސައްކަތް ހުއްޓާލާ އެއްވެސް އިދާރާއަކަށް ހުށަނާޅައި ރިޕޯޓްތަކާއި މަޢުލޫމާތުތައް އ.ދ އާއި އެހެނިހެން ފަރާތްތަކަށް ހުރަހެއްނެތި ފޮނުއްވަމުން ގެންދަވާކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

ކޮމިޝަންގެ މަސައްކަތް ހިނގާގޮތް ބެލުމެއްނެތި ކޮމިޝަންގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސުން ނެރުއްވި ބަޔާނުގައި ސިފަކުރައްވާފައިވެއެވެ.