ކާޑުގެ ބާވައްތަކުން ސަބްސިޑީ ދޫކުރައްވާ އުސޫލުތަކަށް ސަރުކާރުން ގެންނެވި ބަދަލުތަކާއި ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން މާލޭގައި އެއްވުމެއް ބާއްވައިފިއެވެ.
އެއްވެ އުޅުމުގެ ޤާނޫނަށް ދާދި ފަހުން ގެންނެވި އިސްލާހުގެ ދަށުން ހުއްދަ ނުހޯދައި މާލޭގައި މުޒާހަރާކުރެވޭ ހަމައެކަނި ސަރަޙައްދުގެ ގޮތުގައި ކަނޑައެޅިފައިވާ ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި އެއްވުމުގައި ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކަށް އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި ކާޑުގެ ސަބްސިޑީއަށް ދޫކުރައްވާ އުސޫލަށް ގެންނެވި ބަދަލަކީ ރައްޔިޔުންގެ ހައްޤުތަކަށް އަރައިގަތުން ކަމަށް ތުހުމަތުކޮށް އެ ބަދަލު ބާތިލްކޮށް ކުރިން އޮތްގޮތަށް ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދިނުމަށްވެސް އެމްޑީޕީން ރޭ ގޮވާލާފައިވެއެވެ. މި އެއްވުމުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.
މިމަހުގެ 1 ވަނަ ދުވަހުން ފަށައިގެން ކާޑުގެ ސަބްސިޑީ ދޫކުރައްވަމުން އައި އުސޫލްތަކަށް ސަރުކާރުން ވަނީ ބަދަލު ގެންނަވާފައެވެ. މި ބަދަލު ގެންނެވީ ކާޑުގެ ސަބްސިޑީ ދެއްވުމުގައި މިހާތަނަށް ގެންގުޅުއްވި އުސޫލުގެ ސަބަބުން ސަބްސިޑީ ލިބެން ނުޖެހޭ އެތައް ބަޔަކަށް ސަބްސިޑީ ލިބެމުންދާތީ އެކަން ބަދަލުކުރައްވާ، ސަބްސިޑީ އެންމެ ހައްޤުވާ ފަރާތްތަކަށް ސަބްސިޑީ ފޯރުކޮށްދިނުމަށް ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދޫކުރެއްވުމުގައި ގެންގުޅުއްވި އުސޫލަށް ގެންނެވި ބަދަލާއި އެކު ކުރިން 3.96 ލާރިއަށް ވިއްކަމުން އައި ހަނޑޫ ކިލޯއެއް މިހާރު ލިބޭނީ 7.96 ލާރިއަށެވެ. 2.98 ލާރިއަށް ލިބެމުން އައި ފުށްކިލޯއެއް ދެން ގަންނަން ލިބޭނީ 5.96 ލާރިއަށެވެ. އަދި 4 ރުފިޔާއަށް ލިބެމުންއައި ހަކުރު ކިލޯއެއް ލިބޭނީ 8 ރުފިޔާއަށެވެ.
މި ބަދަލާއެކު ސަބްސިޑީ ހައްޤުވާ ފަރާތަކަށް އެންސްޕާ މެދުވެރިކޮށް އެ ފައިސާ ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މިގޮތުން ސަބްސިޑީގެ ގޮތުގައި ބޮލަކަށް މަހަކު 40 ރުފިޔާ ދިނުމަށް ނިންމަވާފައިވާއިރު ސަބްސިޑީ ހައްޤުވާ ކޮންމެ ގޭބިސީއަކަށް 240 ރުފިޔާ ދެއްވާނެކަންވެސް ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ.