އޮސްޓްރޭލިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ޤައުމީ އެއާލައިން މޯލްޑިވިއަންއާއި، ވިޒިޓް މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާގެ މެލްބަންގައި ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.
މިމަހުގެ 16އިން 17އަށް ކުރިއަށްގެންދާ ލަކްޝަރީ އެސްކޭޕްސް ލައިވް 2026 އެގްޒެބިޝަންގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމާއި، މަތީ ފަންތީގެ ލަގްޒަރީ އަދި ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މީގެއިތުރުން، މޯލްޑިވިއަންއިން އަލަށްފަށާ މެލްބަން-މާލެ ޗާޓަރ ދަތުރުތައް އިޝްތިހާރުކޮށް، އޮސްޓްރޭލިއާ އާއި ރާއްޖެއާއި ދެމެދު ދަތުރުފަތުރުގެ ފަސޭހަކަން އިތުރުކޮށް، އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަކީވެސް މި ހަރަކާތް ކުރިއަށްގެންދިއުމުގެ މަޤްސަދެކެވެ.
ވިޒިޓް މޯލްޑިވްސްއާއި ލަކްޝަރީ އެސްކޭޕްސްއާ ދެމެދު ގުޅުން ބަދަހިކުރުމަށް މިމަހުގެ 16ވަނަ ދުވަހު މެލްބަންގައި ހުންނަ ލަކްޝަރީ އެސްކޭޕްސްގެ ހެޑް އޮފީހުގައިވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދެފަރާތުގެ ގުޅުން އިތުރުކުރުމަށް ނިންމާފައިވެއެވެ. މީގެއިތުރުން ވިޒިޓް މޯލްޑިވްސްއިން ވަނީ އެސްކޭޕްސްގެ ސީއީއޯ އެޑަމް ޝްވާބްއާ ބަައްދަލުކުރައްވައި، ދާއިރާގެ މުހިންމު ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ލަކްޝަރީ އެސްކޭޕްސް ލައިވް މެލްބަންގައި ގާއިމުކޮށްފައިވާ "ޑިސްކަވަރ މޯލްޑިވްސް" ސްޓޯލުން ރާއްޖޭގެ ރީތި މަންޒަރުތަކާއި ފަތުރުވެރިކަމުގެ މަޢުލޫމާތާއި، ޚާއްސަ ޓްރެވެލް އޮފާތައް ޒިޔާރަތްކުރާ ފަރާތްތަކުން ވަނީ ފޯރުކޮށްދީފައެވެ.
މި ސްޓޯލް މެދުވެރިކޮށް ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުން ފެށިގެން އާއިލީ ޗުއްޓީތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.