މޯލްޑިވްސް އޭއައި ލެބަކީ އަމިއްލަ ވިޔަފާރިތަކަށް އެކުގައި މަސައްކަތްކުރުމަށް، ފަންނީ ޤާބިލްކަން ހިއްސާކުރުމަށް ދެވޭ ދައުވަތެއް ކަމަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ދާޚީލީ ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރ އިފްތިތާޙްކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު ނުވަތަ މޯލްޑިވްސް އޭއައި ލެބް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޯލްޑިވްސް 2.0، ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ތަޞައްވުރުގެ މުހިންމު މަސައްކަތެއް ކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ. މި ލެބް އިފްތިތާޚްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވަނީ، މިއީ ވެރިކަން ހިންގުމާއި އިގްތިސާދީ ބަދަލުތަކުގެ ކުރިއަށް އޮތް ދައުރަށް ބޭނުންވާ ގައުމީ ގާބިލުކަން ބިނާކުރުމަށް ދިވެހިރާއްޖެއިން ނިންމި ނިންމުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ބާރުދުވެލީގައި ކުރިއަރަމުން އަންނަ މި ދުނިޔޭގައި، ދިވެހިރާއްޖެ ވާންޖެހެނީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުން ކުރާ ޤައުމަކަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި ރާއްޖެ ވާންޖެހެނީ ޓެކްނޮލޮޖީތައް ޤާއިމްކޮށް ބަލަހައްޓާ ޤައުމީ މަސްލަހަތު އިސްކޮށް ޚިދުމަތް ދިނުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމަކަށް ކަމަށެވެ. މިކަމަށް މަގުފަހި ކުރުމަށް، މޯލްޑިވްސް 2.0 ގެ ދަށުން ޤާނޫނާއި އޮނިގަނޑުތައް އެކުލަވާލައި، ޑިޖިޓަލް އިންފްރާސްޓަރަކްޗަރ އަދި އޭގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ނިޒާމުތަކާއެކު ޤައުމީ އޭއައި ޤާބިލްކަން އިތުރުކުރުމަށް މޯލްޑިވްސް އެއައި ލެބް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ވަކި ޓެކްނޮލޮޖީގެ އުފެއްދުންތަކެއް ނަމެއްގައި އުފައްދާނެ މަރުކަޒެއް ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އިޙްސާން ވިދާޅުވީ، މިއީ އާންމު ހިދުމަތްތައް ވަރުގަދަކުރުމަށާއި، މުއައްސަސާތަކުގެ ނިންމުންތައް ނިންމުމުގެ ނިޒާމު ރަނގަޅުކުރުމަށާއި، އިގްތިސާދީ ބަދަލުތައް ހަލުވިކުރުމަށާއި، އަދި ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ބެލެހެއްޓުމުގެ، އިތުބާރުގެ، އަދި ގައުމީ ޒިންމާދާރުކަމުގެ އޮނިގަނޑެއްގެ ތެރެއިން ބޭނުންކުރުން ކަށަވަރުކުރުމަށް މި ތަނުގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ ކޮންމެ އައު ޓްރެންޑެއްގެ ފަހަތުން ދުވާ ޓެކްނޮލޮޖީގެ ޝޯވްރޫމަކަށް މޯލްޑިވްސް އޭއައި ލެބް ނުވާނެ ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ޕްރައިވެޓް ސެކްޓަރގެ ތެރެއި އައު އީޖާދުތަކަށް ފުރުސަތުދީ، އިންވެސްޓްމަންޓްތަކާއި، އިންޖިނިއަރިންގ ގާބިލުކަމާއި، އަދި އިގްތިސާދީ ކުރިއެރުމުގައި އަމިއްލަ ސެކްޓަރުގެ ދައުރު އަދިވެސް އޮތީ މައިގަނޑު އަސާސެއްގެ ގޮތުގައެވެ.
"ޕްރައިވެޓް ސެކްޓަރއާއި، މާލީ ނިޒާމާއި، އަދި ޓެކްނޮލޮޖީ ދާއިރާގައި ތިއްބެވި އަޅުގަނޑުމެންގެ ބައިވެރިންނަށް، އެންއޭޑީސީސީ އަކީ ދައުވަތެއް. ދުނިޔެ މިހާރު ދައްކާ ހަޤީޤަތަކީ، އާންމު ހިދުމަތުގެ ދާއިރާގައި ހިންގާ އެންމެ ކާމިޔާބު އޭއައި މަޝްރޫޢޫތަކަކީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން ރޭވުންތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތްތައްކަން. ސަރުކާރުން ފޯރުކޮށްދޭނީ ގައުމީ މިސްރާބާއި، ހިންގުމުގެ ނިޒާމާއި، އަދި ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ ނިޒާމެއް. ސިނާއަތްތުން ފޯރުކޮށްދޭނީ އިންޖިނިއަރިންގ ގާބިލުކަމާއި، ހިންގުމުގެ ތަޖުރިބާއާއި، އިންފްރާސްޓްރަކްޗަރ އަދި ހަލުވިކަން" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ނޭޝަނަލް އޭއައި ޑޭޓާ އެންޑް ކޮމްޕިޓެންސީ ސެންޓަރަކީ ސަރުކާރުގެ އެކި އިދާރާތަކުން ބޭނުންވާ އޭއައި ހައްލުތައް ނިޒާމީ ގޮތަކަށް ގެނައުމަށް މަސައްކަތް ކުރާނެ ތަނެކެވެ. އެތަނުގެ ތެރެއިން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ފައިދާ ކުރަނިވި މަސައްކަތުގެ ދުވެހި ހަލުވި، ވާނެ އޭއައި ހައްލުތަކަށް މަގުފަހިކޮށް މި ހައްލުތައް ގުޅި ލާމެހިފައިވާ ގޮތަކަށް މަސައްކަތް ކުރާކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ފަންނީ ތަޖުރިބާކާރުންނަށް ބަރޯސާވުމުގެ ބަދަލުގައި، އޭއައި މިދާއިރާއަށް ފަންނީ ތަޖުރިބާކާރުން ބިނާ ކުރުމަކީވެސް މި މަރުކަޒުގެ މުހިންމު އަމާޒެއް ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ، ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫންކަމަށާއި އެއަށްވުރެ ފުޅާ ވިސްނުންތެރި ދައުލަތެއް ބިނާކުރުމަކީ މިމަސައްކަތުގެ އަމާޒެއް ކަމަށެވެ. އެފަދަ ދައުލަތަކީ އަވަހަށް އިޖާބަދޭ، ރަނގަޅަށް ރޭވުންތައް ރާވާ، ޑޭޓާ ހަރުދަނާކޮށް ބޭނުންކުރާ، މުހިންމު ނިޒާމުތައް ރައްކާތެރިކަން ކަށަވަރުވެފައިވާ، އިތުބާރުހުރި ހިދުމަތްތައް ފޯރުކޮށްދޭ ދައުލަތެއް ކަމަށެވެ. މީގެ އިތުރުން އޭއައި ބޭނުންކުރާ ދައުލަތެއް ބިނާކުރުމަކީ އިންސާނާގެ ވިސްނުމުގެ ބަދަލުގައި ޒިންމާދާރުކަން ކަނޑާލުން ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި މިއީ ހަރުދަނާ ދައުލަތެއް ބިނާކޮށް ޤާބިލްކަން އިތުރުކުރުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު ވާހަކަފުޅު ނިންމަވާލެއްވުމަށް ވަޒީރު އިޙްސާން ވަނީ ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު ނުވަތަ މޯލްޑިވްސް އޭއައި ލެބް އިފްތިތާޙްކޮށްދެއްވާފައެވެ.