ޚަބަރު

އީރާނަށް ޙަމަލާދޭން ޔަހޫދީންގެ ސިއްރު އަސްކަރީ މަރުކަޒުތަކެއް ޢިރާޤުގައި


ޢިރާޤު ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި، އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަނެ، އީރާނާ ދެކޮޅަށް ހިންގަމުންދާ ޣައިރުޤާނޫނީ ހަނގުރާމައާއި އަސްކަރީ އޮޕަރޭޝަންތަކަށް މަގުފަހިކުރުމުގެ ބޭނުމުގައި ޔަހޫދީ ފައުޖުން ޢިރާޤުގެ ހުޅަނގު ސަހަރާގައި ސިއްރުން ދެ އަސްކަރީ މަރުކަޒު ބިނާކޮށް، ބޭނުންކޮށްފައިވާ ކަން ފަޅާއަރައިފިއެވެ.

މި ކަން ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ ދި ނިއު ޔޯކް ޓައިމްސުންނެވެ. ޢިރާޤު ސަރުކާރާއި ސަރަޙައްދީ އޮފިޝަލުންނާ ޙަވާލާދީ އެ ނޫހުން ބުނީ، ޢިރާޤުގައި ސިއްރިޔާތުގައި ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތައް ޔަހޫދީން އެކި ފަހަރު މަތިން، ދިގު މުއްދަތަކަށް ބޭނުންކޮށްފައިވާ ކަމުގައެވެ. މި ގޮތުން، އެ މަރުކަޒުތައް ބޭނުންކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބެލެވޭ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

ޢިރާޤުގެ އޮފިޝަލުން ބުނީ، ފެބުރުވަރީ 28 ގައި އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ އިތުރުން، އޭގެ ކުރިން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ވެސް ޔަހޫދީ ފައުޖުން އެ މަރުކަޒުތައް ބޭނުންކޮށްފައިވާ ކަމުގައެވެ. އަދި، އެ ތަންތަން ބޭނުންކޮށްފައި ވަނީ، އަސްކަރީ މަތިންދާބޯޓުތަކަށް ތެޔޮ އެޅުން ފަދަ ޚިދުމަތްތައް ދިނުމަށާއި، އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވާ ޔަހޫދީ ސިފައިންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމުގައެވެ. 2025 ވަނަ އަހަރުގެ ޖޫން މަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމުގައި ވެސް ޔަހޫދީ ފައުޖުން ޢިރާޤުގެ ބިން ބޭނުންކޮށްފައިވާ ކަމުގައި ވެސް ނިއު ޔޯކް ޓައިމްސަށް މަޢުލޫމާތު ދިން މަޞްދަރުތަކުން ހާމަކުރިއެވެ.

ޔަހޫދީން ސިއްރިޔާތުގައި ޢިރާޤުގެ ފަސްގަނޑުގައި ހިންގަމުންދިޔަ އަސްކަރީ މަރުކަޒުތައް ފަޅާއަރާފައި ވަނީ، އަލް-ނަޚާޔިބު ސަރަޙައްދުގައި ބަކަރިހުއިހައްޕާ މީހަކަށް ޔަހޫދީންގެ ހެލިކޮޕްޓަރުތަކާއި ފޭލިގެތަކެއް ފެނި، އެ ކަން ރިޕޯޓުކުރުމުންނެވެ. އެ ސަރަޙައްދުގައި މަތިންދާބޯޓުތައް ޖެއްސުމަށް ވަގުތީ ރަންވޭއެއް ބިނާކޮށްފައިވާ ކަމުގައި ވެސް އޭނާ ރިޕޯޓުކޮށްފައިވެއެވެ. މި މަޢުލޫމާތު ލިބުމާއެކު، ޢިރާޤުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ކަން ކަށަވަރު ކުރުމަށް އެ ސަރަޙައްދަށް ދަތުރުކޮށްފައެވެ. ނަމަވެސް، ޔަހޫދީ ސިފައިން ވަނީ ޢިރާޤުގެ ފައުޖުތަކަށް ޙަމަލާދީ، އެކަކު ޝަހީދުކޮށްލައި، އިތުރު ދެ މީހަކު ޒަޚަމުކޮށްލާފައެވެ. ޔަހޫދީންގެ މަރުކަޒު ރިޕޯޓުކުރި މީހާގެ ހަށިގަނޑު އެ ސަރަޙައްދުން ފެނިފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ހާމަކުރިއެވެ.

މިއީ، ޢިރާޤުގެ އިސްތިޤުލާލަށް އަރައިގަނެ، އެ ޤައުމުގެ ބިމުގައި ޔަހޫދީ ސިއްރުން އަސްކަރީ މަރުކަޒެއް ހިންގަމުން ގޮސްފައިވާ ކަން ރިޕޯޓުކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އެމެރިކާގެ އެހެން ނޫހެއް ކަމުގައި ދި ވޯލް ސްޓްރީޓް ޖަރނަލުން ވެސް މި ހިނގާ އެޕްރީލު މަހުގެ ކުރީކޮޅު އެ ކަމުގެ ރިޕޯޓުކޮށްފައިވެއެވެ. ޢިރާޤުގެ ފަސްގަނޑުގައި ޔަހޫދީން ސިއްރު އަސްކަރީ މަރުކަޒެއް ހިންގަމުންދިޔަ ކަމުގެ ރިޕޯޓުތައް ޢިރާޤުގެ ސަލާމަތީ ބާރުގެ އިސް އޮފިޝަލަކު ވަނީ ދޮގުކުރައްވާފައެވެ. ނަމަވެސް، އަލް-ނަޚާޔިބު ސަރަޙައްދުގައި "ކޮން ބަޔެއްކަން ނޭނގޭ ބަޔަކު" ވައިގެ މަގުން އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަން އެ އޮފިޝަލު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.