ޢިމާރާތްކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ސަރުކާރުގެ މުވައްސަސާތައް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ކުރީގެ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތައް ހިންގުމާ ބެހޭ ވުޒާރާ ހިންގި އިމާރާތުގައި ކުރިޔަށްގެންދާ މިޕްރޮގްރާމްގައި މިއަދު ވަނީ ފުރަތަމަ ސެޝަން ބާއްވާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ ކަމަށް ބިނާރާ ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކަށް އަހުލުވެެރިކުރުމުގެ ގޮތުން އާންމުންނާއި، ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން، ކުރިޔަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށާއި މީގެ ސަބަބުން ދައުލަތުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ޤާނޫނީ އިމުގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ކަމަަށެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމްގެ ތެރެއިން ޢިމާރާތްކުރުމުގެ ހުއްދަތައް ނެގުމާއި، ކުރެހުންތައް ފާސްކުރުމާއި، މަޝްރޫޢުތަކަށް ލައިސަންސް ދިނުމުގެ އިތުރުން، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ޤަވާއިދާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ.
މީގެ އިތުރުން، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާއި ގުޅޭ ތަފްސީލީ މަޢުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.