ޚަބަރު

ޚާރިޖީ ވަޒީރުގެ އަރިހަށް ސިންގަޕޫރު ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި


  • ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަކުރެއްވި

  • އައު ސަފީރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްްގެ އަރިހަށް ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ސޫ ކޮކް ލެންގ ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، ސޫ ކޮކް ލެންގެ ސަފީރުކަމުގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ އެކި މައްސަލަތަކުގައި ދިވެހިރާއްޖެއާއި ސިންގަޕޫރުން ގުޅިގެން މަސައްކަތްކުރާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސިންގަޕޫރު ސަފީރު ވަނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިންގަޕޫރުން ދިވެހިރާއްޖެއާއެކު އޮންނަ ގާތްކަމާއި، އެކުވެރިކަން ކުރިއަށް އޮތްތަނުގައިވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ސިންގަޕޫރާއެކު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ނުހަނު އިސްކަންދޭކަން މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ، ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަޒީރު ވަނީ، ސަފީރަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާ އައު ނޮން-ރެޒިޑެންޓް ސަފީރަށްވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.