ޚަބަރު

"މިއީ މިހާ ރަނގަޅު ފެންވަރަކަށް ހެދުނު ހަމަ ފުރަތަމަ ސްޕޯޓްސް ފެސިލިޓީ"


ހުޅުމާލޭ ނެއިބަރހުޑް 1 ގައި ހުޅުވިގެންދިޔަ ސްޕޯޓްސް ޕާކަކީ މިހާތަނަށް ގާއިމު ވެގެންދިޔަ އެންމެ ފެންވަރު ރަނގަޅު ފުރަތަމަ ކުޅިވަރުގެ ވަސީލަތް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މަލްޝާ ޝަރީފް ވިދާޅުވެއްޖެއެވެ.

މި ވަސީލަތުގެ ސަބަބުން ކޮމިއުނިޓީގެ ގިނަ ރައްޔިތުންތަކެއްގެ ދުވަސްވީ ޝަކުވާތަކެއްގެ ހައްލު ހޯދިއްޖެ ކަމަށް މަލްޝާ ވަނީ ސިފަކޮއްފައެވެ.

ހޯމަ ދުވަހުގެ ރޭ، ނެއިބަރހުޑް 1 ގައި ހުޅުވި ސްޕޯޓްސް ޕާކް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން މަލްޝާ ވަނީ، ނެއިބަރހުޑް 1 އަކީ ހުޅުމާލޭގައި މީހުން އެންމެ ފުރަތަމަ ދިރިއުޅެންފެށި އެއް ސަރަހައްދު ނަމަވެސް، މިހާތަނަށްވެސް އެސަރަހައްދުގައި ރަނގަޅު ފެންވަރުގެ ކުޅިވަރު ވަސީލަތެއް ނެތްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، މި ސްޕޯޓްސް ޕާކު ހުޅުވާފައިވާ ސަރަހައްދަކީ އެކި ކުޅިވަރުތަކަށް ވެލި ދަނޑެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ސަރަހައްދެއްކަން މަލްޝާ ފާހަގަކުރެއްވިއެވެ.

"ހުޅުމާލެ ނެއިބަރހުޑް 1 އަކީ އެންމެ ފުރަތަމަ ރައްޔިތުން އާބާދުވި އެއް ސަރަހައްދު. ދެން މި ސަރަހައްދުގަ މީގެ ކުރިން މިހާ ރަނގަޅު ފެންވަރެއްގައި ހަދާފަހުރި ހަމަ އެއްވެސް ސްޕޯޓްސް ފެސިލިޓީއެއް ނެތް. މިއީ މިހާ ރަނގަޅު ފެންވަރަކަށް ހެދުނު ހަމަ ފުރަތަމަ ސްޕޯޓްސް ފެސިލިޓީ. ދެން ކުރީގަވެސް ހަމަ މި ދަނޑުވެސް އޮވޭ. އެކަމު އެހާ ރަނގަޅު ހާލަތެއްގައެއް ނޫން އޮތީ. އެކަމުވެސް ހަމަ ކުދިން އައިއްސަ ކުޅޭ. ވޮލީ ކޯޓުގަވެސް ހަމަ ވެލި ދަނޑެއް އޮންނަނީ. އެހެންވެ ރައްޔިތުންގެ ވަރަށް ބޮޑު ރިކުއެސްޓެއް މިއީ ވަރަށް ގިނަ ދވަހެއްގެ ޝަކުވާތަކަކަށް ނިމުމެއް އައިސްގެން މިދިޔައީ މި ސްޕޯޓްސް ޕާކު ހުޅުވިގެން ދިޔައިމަ." މަލްޝާ ވިދާޅުވިއެވެ.

މަލްޝާ އިތުރަށް ވިދާޅުވީ، ހުޅުމާލެއަކީ ވަރަށް އެކްޓިވް ލައިފްސްޓައިލެއް ހުންނަ ބަޔަކު ދިރިއުޅޭ ތަނަކަށް ވާތީ، ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ވީހާވެސް ގިނަ ކުޅިވަރު ފެސިލިޓީތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެޅުމަށް އެޗްޑީސީން މަސައްކަތްކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ހުޅުމާލޭގެ އާބާދީއާ ބަލާފައި ހުޅުމާލެއަށް ބޭނުންވާ ވަރަށް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފެސިލިޓީތައް ހުޅުމާލޭގައި ނެތްކަން މަލްޝާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެކަމަށް ވަރަށް ހާއްސަ އިސްކަމެއްދީގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެފަދަ ފެސިލިޓީތަކެއް އެޅުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން، މަލްޝާ ދެއްވިއެވެ.

މި ސްޕޯޓްސް ޕާކުގައި ތިން ކުޅިވަރެއް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ވެއެވެ. އެއީ، ފުޓްސެލް، ވޮލީ އަދި ހާފް ކޯޓް ބާސްކެޓްބޯލްއެވެ. ސްޕޯޓްސް ޕާކް ރަސްމީކޮށް ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.