ޚަބަރު

އިންތިޒާރަށް ނިމުން، 22 އަހަރުގެ ތެރޭގައި އާސެނަލް އަށް ޗެމްޕިއަންކަން


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 22 އަހަރުގެ ތެރޭގައި އާސެނަލް އަށް ފުރަތަމަ ފަހަރަށް ލިބިއްޖެ އެވެ.

އާސެނަލް އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެފައިވަނީ ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ބޯންމަތު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާއި ގުޅިގެންނެވެ.

މި ނަތީޖާ އާއިއެކު ލީގުގެ ދެ ޓީމަށްވެސް އެއް މެޗު ބާކީ އޮތްއިރު 37 މެޗުން ސިޓީ އަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. އާސެނަލް އަށް 82 ޕޮއިންޓް ލިބިފައިވާއިރު ފަހު މެޗުން ސިޓީ މޮޅުވި ނަމަވެސް އެ ޓީމަށް ލިބޭނީ 81 ޕޮއިންޓެވެ.

ސިޓީ އިން މި މެޗަށް ނިކުތްއިރު މި ސީޒަނަށްފަހު ސިޓީގެ ކޯޗު ކަމުގެ މަގާމުން ޕެޕް ގަޑިއޯލާ އިސްތިއުފާ ދޭނެކަމަށް ގިނަ މީޑިޔާ ރިޕޯޓްތަކެއް ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގެ އަސަރު އެއްވެސް ވަރަކަށް މި މެޗަށް ނުކުރާނެކަމަށް ގަޑިއޯލާ ވަނީ މެޗުގެ ކުރިން ބުނެފައެވެ.

ބޯންމަތުއިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް ޖޫނިއާ ކްރޫޕީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެންޗެސްޓަރ ސިޓީން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ފަސްވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.