މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ 700އަށްވުރެ ގިނަ ވިޔަފާރިއަކަށް ކޮންސަލްޓޭޝަންގެ ޚިދުމަތް ދީފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. އައްޑޫ ސިޓީގައި ބީސީސީން ހިންގަމުންދާ، ބިޒްނަސް ސެންޓަރ މެދުވެރިކޮށް އައްޑޫގެ ވިޔަފާރިތަކަށް އެހީތެރިވެދިނުމަށް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އައްޑޫ ސިޓީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީސީސީއިން ދަނީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމަށް ޚާއްޞަ ޙަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ޑަބްލިއުޑީސީ އެކްސްޕޯ، ކްރިއޭޓާސް ކޮންފްލުއެންސް، މަޓާޓޯ ޓްރެވަލް ކޮންފަރެންސްގެ ފައިނޭންޝަލް ލިޓްރަސީ ސެޝަންތައް، "ޓޫރިޒަމް ބިޔޯންޑް ބައުންޑަރީސް" ވިޔަފާރި މަޝްވަރާތައް، ޒުވާނުންގެ ކޭމްޕްތައް، އެމްއެންޔޫ ޖޮބް ފެސްޓިވަލްގައި ބައިވެރިވުން، އެމްއެސްއެމްއީ އެވޯޑް ރަޖިސްޓްރޭޝަނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮޑށްދިނުމާއި، އިޤްތިޞާދީ ފުރަމަލަ ނުވަތަ އިކޮނޮމިކް ޕްރޮފައިލިންގގެ މަސައްކަތް ވެސް ހިމެނެއެވެ.
އައްޑޫ ބިޒްނަސް ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޫބަރު 2023 އިން އޭޕްރީލް 2026 އަށް 709 ވިޔަފާރިއަކަށް ކޮންސަލްޓޭޝަން ދީފައިވާއިރު 800 އަށްވުރެ ގިނަ ވިޔަފާރިތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އަދި 277 ތަމްރީނު ޕްރޮގްރާމާއި، މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި ސެމިނަރތައް ބާއްވާފައިވެއެވެ. މީގެ އިތުރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ، އިޤްތިޞާދީ ފުރަމަލަ ނުވަތަ އިކޮނޮމިކް ޕްރޮފައިލިންގގެ މަސައްކަތުގެ ދަށުން 645 ވިޔަފާރީގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެސްއެމްއީ އިންވެސްޓްމަންޓް ޒޯންތައް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފުރަތަމަ އިންވެސްޓްމަންޓް ޒޯންގެ ގޮތުގައި ހަމަޖައްސާފައިވަނީ އައްޑޫ ސިޓީއާއި ހުޅުދޫ އަދި މީދޫއެވެ. މި ޒޯންތަކުގައި ހިންގާ ވިޔަފާރިތަކަށް 2027 ޖެނުއަރީ 1 އިން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ބިމު ކުއްޔާއި އާމްދަނީން ނަގާ ޓެކްސް އިސްތިސްނާކުރުން ފަދަ އިނާޔަތްތައް ދިނުމަށް ވަނީ ނިންމާފައެވެ.
މި ތަޞައްވުރާ އެއްގޮތަށް ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ފަހި ކުރުމަށްޓަކައި މި މަހުގެ 13 އިން 14 އަށް އައްޑޫގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އާއި ބީސީސީ ގުޅިގެން ވަނީ ވިޔަފާރިތަކާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި، އިންވެސްޓަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެ، ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ޢަމަލީ ހައްލުތަކާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.
ބީސީސީން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ ލަފާ އާއި އިރުޝާދުތައް ދެމުންނެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު 2026 ވަނަ އަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ވިޔަފާރިވެރިކަމަށް އެހީތެރިވުމާއި، އަދި ސަރަހައްދީ އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމަކީ ބީސީސީން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.