މިއަހަރުގެ އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސްގެ ތެރެއިން، ސްކޭމްތަކުގައި ގެއްލުނު މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސްއަކީ، ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެކެވެ. މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގޭ ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަނެވެ.
މާރިޗު 10އިން މިމަހުގެ 7އާ ހަމައަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން ފްރޮންޓިއަރގެ ބައިނަލްއަޤްވާމީ ޕްރެސް ކޮންފަރެންސްގެ ތެރެއިންވަނީ، މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުން ހާސިލުކުރި ޖުމުލަ ނަތީޖާތަކާއި، ހައްޔަރުކުރެވުނު މީހުންގެ އަދަދާއި، ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ. މި އޮޕަރޭޝަނުގައި އެންޓި ސްކޭމް ސެންޓަރުގެ 40އަށްވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވެފައިވެއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ރާއްޖޭގެ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، މުޅި އޮޕަރޭޝަންގައި ސްކޭމްގެ 349 މައްސަލަ ބަލާފައިވާކަމަށެވެ. އަދި އޭގެތެރެއިން 186 މައްސަލައަކީ އީކޮމާސް މެދުވެރިކޮށް ކޮށްފައިވާ ސްކޭމްކަން ފާހަގަކުރެއްވިއެވެ.
ސްކޭމްގެ އެކި މައްސަލަތަކުގައި 4މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާކަން ފާހަގަކުރައްވާ ފުލުހުން ވިދާޅުވީ، އެ މައްސަލަތަކުގައި 664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން އެކި ސަބަބުތަކާހުރެ ސްކޭމްގެ މައްސަލަތަކުގައި ޝައްކު ކުރެވުނު 574 މީހުންނާ ސުވާލުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 490 ފިރިހެނުންނާއި 84 އަންހެނުންނެވެ.
މިއަހަރުގެ ފްރޮންޓިއަރ ޕްލަސް އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑް ބައިވެރިވެފައިވެއެވެ.
މި އޮޕަރޭޝަންގެ ދަށުން، އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިންގ އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ އިރުޝާދު ދެމުންނެވެ. އެގޮތުން ލިންކުތަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއްކަމުގައިވިޔަސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދުދެމުންނެވެ.