ޚަބަރު

ރަޖިސްޓްރީނުކޮށް ބޭސް އެތެކުރާތީ އަނެއްކާވެސް އިންޒާރެއް!


  • ހުއްދަނުނަގާ ވިއްކާ 21 ބޭހެއް ވަނީ ފާހަގަކުރެވިފައި

  • އެފަދަ ބޭހަކީ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ބޭސްތަކެއް

ރަޖިސްޓްރީނުކޮށް ބައެއް ފަރާތްތަކުން ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުންދާނީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އަނެއްކާވެސް ދީފިއެވެ. އެ އޮތޯރިޓީއިން ވަނީ މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވެ ޝަކުވާ ލިބެމުންދާތީ އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ހާމަކުރައްވާފައެވެ.

ސިއްޙީ ޚިދުމަތުގެ ޤާނޫނުގެ ދަށުން ބެހާ ބެހޭ ޤަވައިދަށްވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ ރާއްޖެއަށް އިމްޕޯޓްކުރާ ބޭސް ތަކަކީ ބޭސް ރަޖިސްޓްރީ ކުރުމުގެ އެއްގޮތައް ރަޖިސްޓްރީކޮށް އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަކަށްވާން ވާނެކަމަށެވެ. ނަމަވެސް ބޭސް އެތެރެކުރުމުގެ ހުއްދަނެތް ފަރާއްތަކުން އެކި ގޮތްގޮތުން ތަފާތު ވައްތަރުތަކުގެ ބޭސް ރާއްޖެއަށް އިމްޕޯޓްކޮށް އެކިއެކި އޮންލައިން ޕްލެޓްފޯރމް ތަކުގައި އަދި އާދައިގެ ފިހާރަތަކުގައިވެސް މިފަދަ ބޭސްތައް ވިއްކަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައިކަމަށް ވިދާޅުވިއެވެ.

އެ އޮތޯރިޓީން ވިދާޅުވީ މިފަދަ ތަކެއްޗަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ބާވައްތަކެއް ނޫންކަމަށާއި އަދި ރަޖިސްޓްރީ ނުކުރާ މިފަދަ ބާއްވައްތަކަކީ އެއްވެސްގޮތަކަށް އޭގެ ފެންވަރާއި ރައްކާތެރިކަންވެސް ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫންކަމަށެވެ. އެހެންކަމުން މިފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ އަދި ބޭނުން ކުރުމަކީ މަނާކަމެއްކަމަށެވެ.

މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވައްތައް އިމްޕޯޓްކޮށް ވިއްކުމުން އެބޭނުންކުރާ ފަރާއްތަކަށް ހީވެސް ނުކުރާފަދަ ބޮޑެތި ސިއްހީ ނުރައްކަލަކާ ކުރިމަތިލާންޖެހުމަކީ ވަރަށް ގާތުގައި އޮތްކަމެއްކަން ފާހަގަކުރައްވާ އެމްއެފްޑީއޭއިން ވިދާޅުވީ މިގޮތައް ރަޖިސްޓްރީނުކޮށް އިމްޕޯޓްކޮށް އޮންލައިން ޕްލެޓްފޯރމް ތަކާއި އާދައިގެ ފިހާރަތަކުގައި އެންމެ ގިނައިން ވިއްކަމުންދާކަމަށް މިވަގުތު ފާހަގަކުރެވިފައިވާ 21 ވާކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަޤް އޮތޯރިޓީއިން ވިދާޅުވީ އެ އޮތޯރިޓީގައި ހުއްދަނެތި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިޝްތިހާރުކުރާ އޮންލައިން ޕްލެޓްފޯރމްތައް އަދި އާދައިގެ ފިހާރަތަކައް ބޭހާއި ބޭހުގެ ޤަވައިދު އަދި ސިއްހީ ހިދުމަތް ދިނުމުގެ ޤާނުނު ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.